ހުޅުމާލެ ދެވަނަ ފިޔވަހީގައި ހުންނަ އެމްޕީއެލް ޓަވަރުގެ އެޕާޓްމަންޓެއްގައި ދިވެހި ފިރިހެނަކު ރަހީނުކޮށް ބިރުދައްކައި ފައިސާ ހޯދަމުންދިޔަ ކަމުގެ ތުހުމަތުގައި ހަތަރު މީހުން ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ހުޅުމާލެ ފުލުހުން ރޭ ދަންވަރުގެ ވަގުތެއްގައި ހިންގި އޮޕަރޭޝަންގައި، ކޯޓު އަމުރެއްގެ ދަށުން އެ އެޕާޓްމަންޓް ބަލައިފާސްކޮށް، ރަހީނުކޮށްފައިހުރި މީހާ ސަލާމަތްކޮށްފައިވާ ކަމަށެވެ. އަދި އެ މީހާ ހޮސްޕިޓަލަށް ގެންގޮސް ޑޮކްޓަރަށް ދެއްކުމަށްފަހު ހޮސްޕިޓަލުން ދޫކޮށްލުމުން އާއިލާއާ ހަވާލުކޮށްފައިވާ ކަމަށްވެސް ބުންޏެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ޝުނީނު އަންވަރު، ސ. ހިތަދޫ / ބިލާލުގެ (24އ) އާއި ހުސައިން ނާހީ ޖަމާލު، ސ. ހިތަދޫ / ބްލޫކޯނާ (23އ) އާއި އަލީ ސަރީހު އަންވަރު، ގދ. ތިނަދޫ / ކުލުނު (23އ) އާއި އަހުމަދު ލުޖައިން، ސ. މީދޫ / ހުވަދުމާވިލާ (24އ) އެވެ.
ފުލުހުން ބުނީ ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ހަތަރު މީހުން ވެސް 15 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފައިވާ ކަމަށެވެ.
މި މައްސަލަ ތަހުގީގުކުރަމުންދާ ކަމަށް ފުލުހުން ބުންޏެވެ.





