ދެ ފަތުރުވެރިއަކު މަރުވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުބެލެވޭ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
ފުލުހުން މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، އއ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރަމުން ގެންދިޔަ އިނގިރޭސިވިލާތުގެ ފަތުރުވެރިއެއް ކަމަށްވާ އެލައިނީ ރިޗްމޮންޑް (70އ)، މިދިޔަ މަހުގެ 19 ވަނަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި އޭނާގެ ފިރިމީހާއާ އެކު އެ ރިސޯޓްގެ ފަރުކައިރިއަށް ޑައިވިން އަށް ގޮސް އުޅެނިކޮށް ގެއްލިގެން ހޯދަމުން ދަނިކޮށް އެ ސަރަހައްދުގެ މޫދުގައި ނިޔާވެފައި އޮއްވާ ފެނިފައިވާ ކަމަށެވެ.
މީގެ އިތުރުން އއ. އަތޮޅުގައި ހިންގާ ރިސޯޓެއްގައި ޗުއްޓީ ހޭދަ ކުރަމުން ގެންދިޔަ އިނގިރޭސިވިލާތުގެ ފަތުރުވެރިއެއް ކަމަށްވާ މެލްކޮމް ޖޯން ރިޗްމޮންޑް (71އ)، މިދިޔަ މަހުގެ 21 ވަނަ ދުވަހު އެނބުރި ގައުމަށް ދިއުމަށްޓަކައި އެއާޕޯޓަށް ފުރަން ގޮސް ހުއްޓާ ސިއްހީ ހާލަތު ދަށްވުމާ ގުޅިގެން އެއާޕޯޓް ކްލިނިކްގައި ފަރުވާ ދިނުމަށްފަހު އިތުރު ފަރުވާއަށް އޭޑީކޭ ހޮސްޕިޓަލަށް ގެންދެވި ފަރުވާ ދެމުން ދަނިކޮށް މިދިޔަ މަހުގެ 24 ވަނަ ދުވަހުގެ މެންދުރުގެ ވަގުތެއްގައި ނިޔާވެފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި ދެ މީހުން މަރުވުމުގައި އެހެން މީހެއްގެ ބައިވެރިވުމެއް އޮތްކަމަށް ނުވަތަ ކުށުގެ ތުހުމަތެއް ކުރެވޭ ފަދަ ކަމެއް މިހާތަނަށް ތަހުގީގަށް ފާހަގަކުރެވިފައި ނުވާ ކަމަށް ފުލުހުން ވަނީ އިތުރަށް ބުނެފަ އެވެ.
ބެލެވޭގޮތުގައި ޗުއްޓި ހޭދަކުރުމަށް ރާއްޖެއަށް އައިސް އުޅެނިކޮށް މަރުވެފައި ވަނީ ދެމަފިރިންނެވެ.









