ލޭނުގެ މަސްވެރިކަން ކުރަން ހުއްދަ ދިނުމަށް ސަރުކާރުން ނިންމާފައިވާ ނިންމުން ބާތިލު ކުރުމަށް ގޮވާލާއި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ މަޖިލީހުން ބޭރުކޮށްލައިފިއެވެ.
ރާއްޖޭގެ ކަނޑުގެ ސަރަޙައްދުގައި ލޭނު މަސްވެރިކަމަށް ސަރުކާރުން ހުއްދަ ދޭން އުޅޭތީ އެކަމާ ކަންބޮޑުވުން ފާޅުކޮށް ކުއްލި މައްސަލައެއް މިއަދު ހުށަހަޅާފައިވަނީ އިދިކޮޅު މައި ޕާޓީ، މޯލްޑިވްސް ޑިމޮކްރެޓިކް ޕާޓީންނެވެ. މި މައްސަލަ މަޖިލީހަށް ހުށަހެޅުއްވީ ކެންދޫ ދާއިރާގެ މެމްބަރު މައުރޫފް ޒާކިރު އެވެ. މި މައްސަލަ މަޖިލީހުން ބޭރުކޮށްލާފައިވަނީ 47 މެމްބަރުންގެ ވޯޓާއެކު އެވެ.
މި މައްސަލައާ އެއްކޮޅަށް 11 މެމްބަރުން ވޯޓު ދެއްވާފައިވާއިރު، އެއްވެސް ކޮޅަކަށް ވޯޓު ނުދެއްވާ މެމްބަރަކުވެސް އިންނެވިއެވެ.
މި މައްސަލައިގައި މެމްބަރު މައުރޫފް ވިދާޅުވެފައިވަނީ ކުރީ ސަރުކާރުތަކުންވެސް އެކި ފަހަރު ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ދޭން ނިންމާފައިވާ ކަމަށާއި، ނަމަވެސް އެ ފަހަރުތަކުގައި އެ ނިންމުން ތަންފީޒުކޮށްފައި ނުވާކަމަށެވެ. އަދި އެގޮތަށް ކަން ކޮށްފައިވަނީ ކަނޑުގެ އެތައް ދިރުންތަކެއް ނެތިދިޔުމުގެ ބިރު ހީވެފައި އޮތުމުން ކަމަށް މައުރޫފް ވިދާޅުވިއެވެ.
މައުރޫފް ވިދާޅުވީ ލޭނު މަސްވެރިކަމަށް ހުއްދަ ދޭން ނިންމުމުން އެކަމުގެ ކަންބޮޑުވުން މަސްވެރިންނާއި ފަތުރުވެރިކަމުގެ ދާއިރާގައި މަސައްކަތް ކުރާ އެތައް ބައެއްގެ އެބަ އޮތް ކަމަށާއި ކޯޓާގެ އުސޫލުން ލޭނު މަސްވެރިކަން ކުރުމަށް އުސޫލުތައް ކަނޑައެޅުމަކީ ކޯޓާގެ ކަޅު ބާޒާރެއް އުފެދިގެން ދިޔުމުން ނުސީދާ ގޮތެއްގައި ހުޅުވާލެވޭ މަގެއް ކަމަށެވެ.
މީގެ އިތުރުން ލޭނު މަސްވެރިކަން ކުރުމަށް ހުއްދަ ދޭން ނިންމާފައިވާ ނިންމުން ތަންފީޒު ކޮށްފިނަމަ އެކަން ކުރުމުގެ ހުއްދައާއި ކޯޓާ ލިބުމުގެ ފުރުސަތު އެންމެ ބޮޑަށް ފަހިވެގެންދާނީ ރާއްޖެއާއި ރާއްޖެއިން ބޭރުގެ ވިޔަފާރިތަކަށް ކަމަށް މައުރޫފް ވިދާޅުވިއެވެ. މައުރޫފް ވިދާޅުވީ މި ކޯޓާ ހޯދުމުގެ ފުރުސަތު ދިވެހި އާއްމު މަސްވެރިންނަށް ނުލިބުމުގެ ނަތީޖާއަކަށްވާނީ އެމީހުންގެ އާމްދަނީއާއި ވިޔަފާރިތައް ބަނގުރޫޓުވުން ނުވަތަ ކުރިއަރާ ނުދިއުން ކަމަށެވެ.
ދިވެހިރާއްޖޭގައި ލޭނުގެ މަސްވެރިކަން ކުރުމަށް ހުއްދަ ނުދިނުމަށް ރާއްޖޭގެ ތިމާވެއްޓާ ގުޅޭ 18 ޖަމިއްޔާއަކުން ސަރުކާރަށް ގޮވާލާފައިވާއިރު، އެ ޖަމިއްޔާތަކުން ބުނެފައިވަނީ ލޭނު މަސްވެރިކަން ކުރަން ހުއްދަ ދީފި ނަމަ އޭގެ ސަބަބުން ރާއްޖެއަށް އިޔާދަނުކުރެވޭނެ ވަރުގެ ބޮޑެތި ގެއްލުންތަކެއް ލިބިގެންދާނެ ކަމަށެވެ.









