އެމެރިކާ އާއި އިސްރާއީލުން ގުޅިގެން ފުނޑާލާފައިވާ ޣައްޒާގެ ގެދޮރު ޢިމާރާތްކުރުމަށް 7 އަހަރު ހޭދަވާނެ ކަމަށް ޣައްޒާ ސްޓްރިޕް މެނޭޖްމަންޓް ކޮމިޓީ (ޓެކްނޮކްރެޓްސް ކޮމިޓީ)ގެ ވެރިޔާ ޑރ އަލީ ޝާތު ވިދާޅުވެއްޖެއެވެެ.
ރޭޑިއޯ އިންޓަވިއުއެއްގައި ވާހަކަ ދައްކަވަމުން ޝާތު ވިދާޅުވީ ޣައްޒާ އަލުން ބިނާކުރުމުގެ މަސައްކަތް ފަށަން ޖެހޭނީ މީހުންގެ އަސާސީ ބޭނުންތައް ރައްކާތެރި ކުރުމުން ކަމަށެވެ. މީގެ ތެރޭގައި ރައްކާތެރި ބޯހިޔާވަހިކަމާއި، ކާބޯތަކެއްޗާއި، ސިއްހީ ފަރުވާއާއި، ތަޢުލީމު ހިމެނެއެވެ. އޭނާ އިތުރަށް ވިދާޅުވީ ޕްރީފެބްރިކޭޓްކޮށްފައިވާ އިމާރާތްތައް ފުރަތަމަ ފިޔަވަހީގައި ވަގުތީ ހައްލެއްގެ ގޮތުގައި ބޭނުންކުރާނެ ކަމަށެވެ.
ޝާތު ވިދާޅުވީ ވަގުތީ ހިޔާ ސެންޓަރުތައް ވެސް އެޅުމުގެ ޕްލޭންތައް އެބަހުރި ކަމަށާއި، ނަމަވެސް އެ މަރުޙަލާ ވެސް ފެށޭނީ ވައްޓަލާފައިވާ ޢިމާރާތްތަކުގެ ކުނިބުނިތައް ނަގައި ސާފުކުރުމަށް ފަހުގައެވެ. އެކަންކަމަށް ވެސް ތިން އަހަރު ހޭދަވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.








