ޔަހޫދީ ސިފައިން އަނެއްކާ ވެސް ހަތިޔާރާއި އެކު މަސްޖިދުލް އަޤްޞާގެ ތެރެއަށް ވަދެ އެ މާތް މިސްކިތުގެ ޙުރުމަތް ކަނޑާލައިފިއެވެ. ފަލަސްތީނުގެ އިދާރާއަކުން ބުނެފައިވާ ގޮތުގައި އިސްރާއީލުގެ ގައުމީ ސަލާމަތީ މިނިސްޓަރު ވެސް ސިފައިންނާއެކު އަޤްޞާ މިސްކިތަށް ވަނެވެ.
ޤުދުސްގައި ހުންނަ އިސްލާމިކް އެންޑޯމެންޓްސް ޑައިރެކްޓަރޭޓުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، އަޤްޞަ އަށް ބެން ގްވީރު އާއި ޔަހޫދީން ވަދެފައިވަނީ އަންގާރަ ދުވަހުގެ މެންދުރުފަހުގައި ކަމަށެވެ.
ކުރިން އެންގުމަކާއި ނުލައި ޔަހޫދީ ވެރިން މިފަދަ ކަންކަން ހިންގަނީ މުސްލިމުންނަށް ޖެއްސުން ކުރުމަށް ކަމަށް ފަލަސްޠީނު ސަރުކާރުން ބުނެއެވެ.
2023 ވަނަ އަހަރުގެ ކުރީކޮޅު ވެރިކަމާ ހަވާލުވެވަޑައިގެންނެވި ފަހުން ބެން ގްވީރު ވަނީ އަލްއަގްސާ މިސްކިތަށް ގާތްގަނޑަކަށް 14 ފަހަރު ވަދެފައެވެ.
މި ޢަމަލުތައް އަރަބި، އިސްލާމީ އަދި ބައިނަލްއަގްވާމީ ގޮތުން ތަކުރާރުކޮށް ކުށްވެރިކުރި ނަމަވެސް ހަރުކަށި މިނިސްޓަރު ވަނީ މި ޕްރޮވޮކޭޝަންތައް ކުރިއަށް ގެންދަވާފައެވެ.
2003 ވަނަ އަހަރުން ފެށިގެން އިސްރާއީލުގެ ފުލުހުން ވަނީ ގަވާއިދާ ހިލާފަށް އިސްރާއީލުގައި ވަޒަންވެރިވާ މީހުންނަށް އަލްއަގްސާ މިސްކިތުގެ ކޮމްޕައުންޑަށް ވަދެގަތުމުގެ ހުއްދަ ދީފަ އެވެ.
ޤުދުސްގެ އިސްލާމިކް އެންޑޯމެންޓްސް ޑިރެކްޓަރޭޓުން ވަނީ މިކަން ކުށްވެރިކޮށް، ވަގުތުން ހުއްޓާލުމަށް ގޮވާލާފައެވެ.
އަލްއަޤްޞާ ހުންނަ އިރުމަތީ ގުދުސް އިސްރާއީލުން ހިފީ 1967 ވަނަ އަހަރު އަރަބި އިސްރާއީލު ހަނގުރާމައިގެ ދުވަސްވަރުގައެވެ.
ޖުލައި 2024 ގައި ބައިނަލްއަޤްވާމީ ކޯޓުން ބުނީ އިސްރާއީލުން ފަލަސްތީނުގެ ސަރަހައްދު ހިފުމަކީ ޤާނޫނާއި ޚިލާފު ކަމެއް ކަމަށާއި، ހުޅަނގު އައްސޭރިއާއި އިރުމަތީ ޤުދުސްގައި ތިބި އިސްރާއީލުގެ ހުރިހާ ވަޒަންވެރީން އެތަނުން ނުކުތުމަށެވެ.






