މި ފަހުން ކަނޑުމަތިން މަރުވެފައި އޮއްވާ ފެނުނު ދެ މީހުންގެ ހަށިގަނޑަކީވެސް، އއ. އުކުޅަހުގައި ޗުއްޓީ ހޭދަކުރަމުން އަންނަނިކޮށް ގެއްލިގެން ހޯދަމުން އަންނަ ރަޝިއާއަށް ނިސްބަތްވާ ފަތުރުވެރިޔާގެ ހަށިގަނޑު ނޫން ކަމަށް ފުލުހުން މިއަދު ބުނެފި އެވެ.
ފުލުހުން މިއަދު މީޑިއާތަކަށް ފޮނުވި މެސެޖެއްގައި ބުނީ، ރ. ކިނޮޅަހު ބޭރުން މި މަހުގެ ހަތަރު ވަނަ ދުވަހު ފެނުނު ހަށިގަނޑުގެ ޑީއެންއޭ ތަހުލީލުތަކުން އެއީ ފިރިހެނެއްގެ ހަށިގަނޑުކަން މިހާތަނަށް ކަށަވަރު ކުރެވިފައިވާ ކަމަށެވެ.
މީގެ އިތުރުން ރ. ކިނޮޅަހު ބޭރުން ފެނުނު ހަށިގަނޑާއި، ކ. ކަނޑޫމާތިލަ ކައިރިން މިދިޔަ މަހުގެ 21 ވަނަ ދުވަހު ފެނުނު ހަށިގަނޑުގެ ޑީއެންއޭގެ ނަތީޖާއަށް ބަލާއިރު، އެއީ މިދިޔަ މަހުގެ 17 ވަނަ ދުވަހުން ފެށިގެން ގެއްލިގެން ހޯދަމުންދާ ރަޝިއާގެ ފަތުރުވެރިޔާގެ ހަށިގަނޑު ނޫންކަންވެސް މިހާތަނަށް ޔަގީންކުރެވިފައިވާ ކަމަށް ފުލުހުން ވަނީ އިތުރަށް ބުނެފަ އެވެ.
ރަޝިއާއަށް ނިސްބަތްވާ 48 އަހަރުގެ އެ ފަތުރުވެރިޔާ ގެއްލުނު ކަމަށް ބެލެވެނީ މޫދަށް ކަމަށް އުކުޅަހު ކައުންސިލުން މީގެ ކުރިން ވަނީ ބުނެފަ އެވެ. އޭނާ ހޯދުމުގެ މަސައްކަތް ފުލުހުންނާއި އެ ރަށު ރައްޔިތުން ގުޅިގެން ކޮށްފައިވާއިރު އެ ރަށުގެ ފަޅުތެރެޔާއި އެ ރަށާއި ކައިރި އެހެނިހެން ފަޅު ރަށްތައްވެސް ބަލާފައިވެ އެވެ.
އެ ފަތުރުވެރިޔާ ހުރީ އެ ރަށުގައި ހުންނަ ގެސްޓް ހައުސްއެއް ކަމަށްވާ "ލަ ޕަލްމާ ސޫޓްސް"ގަ އެވެ. އޭނާ އެންމެ ފަހުން ފެނިފައިވަނީ މިދިޔަ މަހުގެ 16 ވަނަ ދުވަހު ކަމަށް އެ ރަށު ކައުންސިލުން އޭރު ބުންޏެވެ.
މި މައްސަލައާ ގުޅިގެން އިތުރަށް ބަލަންޖެހޭ ކަންކަން ފުލުހުން އަންނަނީ ބަލަމުންނެވެ.





