ދެމަސްތެރޭ ޑެންގޫ އާއި ރޯގާގެ 62،273 ކޭސް! ސަމާލުވޭ - އެޗްޕީއޭ

އައިޝަތު ރުވާ ރިފްޢަތު | 7 ގަޑިއިރު ކުރިން - 14 ޖެނުއަރީ 2026 23:36
މާލެއަށް ކުރި ވިއްސާރައެއްގައި މަގުމަތީގައި ފެންބޮޑުވެފައި. މަގުމަތީގައި އުޅެފަ ގެއަށް އައިސް ސައިބޯނި ލައިގެން އަތްދޮވުން މުހިއްމު / ފޮޓޯ: ޚުލާސާ
މާލެއަށް ކުރި ވިއްސާރައެއްގައި މަގުމަތީގައި ފެންބޮޑުވެފައި. މަގުމަތީގައި އުޅެފަ ގެއަށް އައިސް ސައިބޯނި ލައިގެން އަތްދޮވުން މުހިއްމު / ފޮޓޯ: ޚުލާސާ
ޚުލާސާ

ހުސްވި ދެމަސްތެރޭ ޑެންގޫގެ 795 ކޭސް ފެނިފައިވާއިރު އަރިދަފިސް ރޯގާގެ 61478 ކޭސް ރެކޯޑް ކުރެވިފައިވޭ. މަހުންމަހަށް ޑެންގޫ ވައިރަސް ފެންނަލެއް އިތުރު

ރާއްޖޭގައި ޑެންގޫ ހުމާއި އަރިދަފުސް ރޯގާ ފެތުރޭ މިންވަރު އިތުރު ވަމުން ދާތީ، އާންމު ސާފުތާހިރުކަމަށް ސަމާލުކަން ދިނުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސް ކޮށްފިއެވެ.

އެޗްޕީއޭގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި، މިދިޔަ މަހުގެ ނިޔަލަށް ޑެންގީހުން ޖެހިގެން ރިޕޯޓްކުރި މިންވަރު ވަނީ އޭގެ ކުރީ މަހާ އަޅާ ބަލާއިރު ބޮޑުތަނުން އިތުރުވެފަ އެވެ. އެ އިދާރާއިން ހާމަކުރި ގޮތުގައި، މިދުވަސްވަރަކީ ޗުއްޓީ ދުވަސްވަރަށް ވެފައި ދަތުރުފަތުރުކުރުން އިތުރުވުމަކީ ބަލިތައް ފެތުރުން އިތުރުވާ މައިގަނޑު ސަބަބެކެވެ. ހާއްސަކޮށް އުމްރާގެ ދަތުރުތައް ނިންމުމަށް ފަހު މީހުން އެނބުރި އަންނަ މިންވަރު އިތުރު ވުމާއި އެކު، ރޯގާގެ ކޭސްތައް އިތުރުވަމުންދާކަން އެޗްޕީއޭ އިން ފާހަގަ ކުރެވެ. މި ދުވަސްވަރު އެންމެ ގިނައިން ފެންނަނީ އަރިދަފުސް ރޯގާ، އިންފްލުއެންޒާ، ޑެންގީހުން އަދި ބޭރަށް ހިންގުމެވެ.

މިދިޔަ އަހަރުގެ ނޮވެމްބަރު މަހު ޑެންގޫގެ 382 ކޭސް ރިޕޯޓްކޮށްފައިވާއިރު، ޑިސެމްބަރު މަހު އެ އަދަދު ވަނީ 413 އަށް އަރާފައެވެ. މިއީ 2024 ވަނަ އަހަރުގެ އެ މުއްދަތާ އަޅާބަލާއިރު ބޮޑު އިތުރުވުމެކެވެ. 2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ރިޕޯޓްކޮށްފައިވަނީ 140 ކޭސް ކަމަށްވާއިރު، ޑިސެމްބަރު މަހު ރިޕޯޓްކޮށްފައިވަނީ އެންމެ 70 ކޭސްކަން ތަފާސްހިސާބުތަކުން ދައްކައެވެ.

ޑެންގީ އިތުރުވި ނަމަވެސް، އަރިދަފުސް ރޯގާއާއި ބޭރަށް ހިންގުމުގެ ކޭސްތައް މިދިޔަ އަހަރުގެ ފަހުކޮޅު ވަނީ ކޮންމެވެސް ވަރަކަށް ދަށަށް ގޮސްފަ އެވެ. އެގޮތުން ނޮވެމްބަރު މަހު އަރިދަފުސް ރޯގާގެ 32,859 ކޭސް ރިޕޯޓްކުރިއިރު، ޑިސެމްބަރު މަހު ރިޕޯޓްކޮށްފައިވަނީ 28,619 ކޭހެވެ. އަދި ބޭރަށް ހިންގުމުގެ ކޭސްތައްވެސް ނޮވެމްބަރު މަހުގެ 4,102 އިން ޑިސެމްބަރު މަހު 2,931 އަށް ވަނީ ދަށްވެފަ އެވެ. އިންފްލުއެންޒާއަށް ބަލާއިރު، މިދިޔަ އަހަރުގެ ޖުމްލަ 1,270 ކޭސް ޕޮޒިޓިވްވެފައިވެ އެވެ.

ޗުއްޓީ ދުވަސްވަރާ ދިމާކޮށް ބަލިތައް ފެތުރުން އިތުރުވާތީ، ބަލީގެ އެއްވެސް އަލާމާތެއް ފެނިއްޖެ ނަމަ ލަސްނުކޮށް ސިއްހީ އެހީތެރިކަން ހޯދުމަށާއި، ބަލި ފެތުރުން ހުއްޓުވުމަށް ފަރުދީ ޒިންމާ އަދާކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%