ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒުގެ ވައުދުފުޅާ އެއްގޮތަށް އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ސަރުކާރުންދޭ މީޑިއާ ގްރާންޓަށް ޝަރުތު ހަމަވި 40 މީޑިއާ އަކަށް ފައިސާ ދޫކޮށްފި އެވެ.
ޑިއާތަކަށް މާލީ އެހީތެރިކަން ދިނުމަށްޓަކައި މޯލްޑިވްސް މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނުން އެކުލަވާލި އުސޫލުގެ ދަށުން ފުރުސަތު ހުޅުވާލުމުން 57 މީޑިއާއަކުން އެ އެހީއަށް ވަނީ އެދިފަ އެވެ. ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއާ އެކެވެ.
ޔޫތް މިނިސްޓްރީން މިއަދު ބުނީ މީޑިއާތަކަށް ލިބޭ ފައިސާގެ މިންވަރު މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނުން އެ މިނިސްޓްރީއަށް އެންގުމުން ފިނޭންސް މިނިސްޓްރީ މެދުވެރިކޮށް އެފަރާތްތަކަށް ފައިސާ ޖަމާކޮށްދީފައިވާ ކަމަށެވެ. އެގޮތުން 40 މީޑިއާ އަކަށް ޖުމްލަ 27،295،532.69 ރުފިޔާ ދީފައިވާ ކަމަށް ޔޫތް މިނިސްޓްރީން ބުންޏެވެ.
ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް ދޭ މާލީ އެހީއަކީ، އަމިއްލަ މީޑިއާތައް ބާރުވެރި ކުރުވައި ޒިންމާދާރު ނޫސްވެރިކަމެއް ކުރުމަށް މަގުފަހިކޮށްދިނުމަށް ދޭ އެހީއެކެވެ. މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާ ތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދިން ފުރަތަމަ ފަހަރެވެ.
މީޑިއާ އެންޑް ބްރޮޑްކާސްޓިން ކޮމިޝަނުން ވަނީ ބުނެފައިވާ ގޮތުގައި އަމިއްލަ މީޑިއާތަކަށް ދައުލަތުން ދޭ މާލީ އެހީތެރިކަމަށް ހުށަހަޅާފައިވާ މީޑިއާތަކަށް މާކްސް ދޭ މިންގަނޑަށް ބަލާއިރު، 2025 ވަނަ އަހަރު މީޑިއާތަކަށް މާލީ އެހީތެރިކަން ދިނުމުގެ އުސޫލުގެ ދަށުން މާކްސް ދިނުމުގައި ބަލާފައިވާނީ މީޑިއާގެ މުއްދަތަށާއި، މުވައްޒަފުންގެ އަދަދަށާއި، މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުވުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްލޭނަށާއި، ކޮންޓެންޓުގެ ބާވަތަށާއި، މުވައްޒަފުންގެ ތައުލީމީ ފެންވަރަށާއި، ތަޖުރިބާގެ އިތުރުން އިދާރީ އިންތިޒާމުތަކަށެވެ.





