އިއާދަކުރަނިވި ހަކަތައިން ހިންގާ ރ. "ވާދޫ ގްރީން ފާމް" ރަސްމީކޮށް ހުޅުވައިފި

އައިޝަތު ރުވާ ރިފްޢަތު | 1 ދުވަސް ކުރިން - 13 ޖެނުއަރީ 2026 23:55
"ވާދޫ ގްރީން ފާމް" ހުޅުވުން/ ފޮޓޯ: ދަނޑުވެރިކަމާ ބެހޭ ވުޒާރާ
"ވާދޫ ގްރީން ފާމް" ހުޅުވުން/ ފޮޓޯ: ދަނޑުވެރިކަމާ ބެހޭ ވުޒާރާ
ޚުލާސާ

މި މަޝްރޫއުގެ އެންމެ މުހިންމު އެއް މަގުސަދަކީ ޖިންސީ ހަމަހަމަކަމާއި އަދި ރަށު ފެންވަރުގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރުންކަމަށް ވުޒާރާއިން ފާހަގަކުރި.

ރ. ވާދޫ އިއާދަކުރަނިވި ހަކަތަ ބޭނުންކޮށްގެން ތިމާވެއްޓާ ރައްޓެހި ދަނޑުވެރިކަން ކުރުމަށް ފަރުމާކޮށްފައިވާ "ވާދޫ ގްރީން ފާމް" ރަސްމީކޮށް ހުޅުވައިފި އެވެ. މި މަޝްރޫއު އިފްތިތާހުކޮށްދެއްވީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ މިނިސްޓަރު ޑރ. މަރިޔަމް މަރިޔާ އެވެ.

މިއީ ދަނޑުވެރިކަމާއި ދިރޭތަކެއްޗާ ބެހޭ ވުޒާރާއާއި، ޔޫއެންޑީޕީ އަދި ވާދޫ އެސޯސިއޭޝަން ފޯ ފިއުޗާ ޑިވެލޮޕްމެންޓް (ވީ.އޭ.އެފް.ޑީ) ގުޅިގެން ކުރިއަށްގެންދިޔަ ކާމިޔާބު މަސައްކަތެކެވެ. މި ފާމަކީ ސީދާ އިއާދަކުރަނިވި ހަކަތައިން ހިންގާ ހައިޑްރޮޕޯނިކްސް ދަނޑުވެރިކަމުގެ ނަމޫނާ މަރުކަޒެކެވެ.

މި މަރުކަޒުގެ މަސައްކަތްތައް ބައްޓަންކޮށްފައިވަނީ ޒަމާނީ ޓެކްނޮލޮޖީގެ އެހީގައި ތިމާވެއްޓަށް ކުރާ ނޭދެވޭ އަސަރުތައް ކުޑަވާނެ ގޮތަށެވެ. އެގޮތުން، ގަސްތަކަށް ފެންދިނުމާއި ފިނިކުރުމުގެ ނިޒާމުތައް ހިންގުމަށް ބޭނުންކުރަނީ ފުރާޅުމަތީގައި ހަރުކޮށްފައިވާ ސޯލާ ޕެނަލްތަކުން އުފައްދާ ސާފު ހަކަތަ އެވެ. މީގެ އިތުރުން، ވާރޭފެން ނަގައިގެން ބޭނުންކުރެވޭނެ އިންތިޒާމުތަކާއި، ތިމާވެއްޓާ އެކުވެރި 'ގްރޯވިން މީޑިއާ' މި ފާމުގައި ވަނީ ގާއިމްކޮށްފަ އެވެ.

ދަނޑުވެރިކަމާ ބެހޭ ވުޒާރާއިން ބުނި ގޮތުގައި، މި ފެސިލިޓީން ކޮންމެ ބުރަކު 600 ކިލޯގެ ކިއުކަމްބާ އަދި 400 ކިލޯގެ ފަތުގެ ބާވަތްތައް އުފެއްދުމުގެ ގާބިލްކަން ލިބިގެންވެއެވެ. މި މަޝްރޫއުގެ ސަބަބުން ރަށުގެ އިގްތިސާދަށް ބޮޑު އުއްމީދެއް ލިބިފައިވާއިރު، މަހެއްގެ މައްޗަށް ގާތްގަނޑަކަށް 80,000 ރުފިޔާގެ އާމްދަނީއެއް ލިބޭނެ ކަމަށް ލަފާކުރެވެ އެވެ.

މި މަޝްރޫއުގެ އެންމެ މުހިންމު އެއް މަގުސަދަކީ ޖިންސީ ހަމަހަމަކަމާއި އަދި ރަށު ފެންވަރުގެ އިގްތިސާދީ ކުރިއެރުމަށް މަގުފަހިކުރުންކަމަށް ވުޒާރާއިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން އަންހެނުން ބާރުވެރިކުރުވުމަށްވެސް ވަނީ ހާއްސަ އިސްކަމެއް ދީފަ އެވެ. އެގޮތުން 18 އަންހެނަކަށް ހައިޑްރޮޕޯނިކްސްގެ އެޑްވާންސް ތަމްރީން ދީފައިވާއިރު، 25 އަންހެނަކަށް ވަނީ ސޯލާ ނިޒާމުތައް ހަރުކޮށް ބެލެހެއްޓުމުގެ ހުނަރު ދަސްކޮށްދީފަ އެވެ. މިހާރު ވާދޫގައި ޖުމްލަ 32.5 ކިލޯވޮޓްގެ ސޯލާ ހަކަތަ ގާއިމްކޮށްފައިވާއިރު، މި ނިޒާމުތައް އަމިއްލައަށް ހިންގާނެ ގޮތުގެ ތަމްރީން 40 އަށް ވުރެ ގިނަ މީހުންނަށް ވަނީ ދީފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%