ރާއްޖޭގައި އުފެދުނު ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު މުހައްމަދު ނައީމް ހުސައިން ނިޔާވުމާ ގުޅިގެން ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނައީމްގެ އާއިލާއަށް ތައުޒިޔާ ފޮނުއްވައިފި އެވެ.
ރައީސް އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މުހައްމަދު ނައީމް ހުސައިންގެ އަގުހުރި ހިދުމަތުގެ ހަނދާންތައް ދިވެހިރާއްޖޭގެ ވައިގެ ދަތުރުފަތުރުގެ ތާރީހުގައި އަބަދުވެސް ފަނޑުވުމެއް ނެތި ދެމިހުންނާނެ ކަމަށެވެ.
މީގެ ބައި ގަރުނަށްވުރެ ކުރިން، ފަތުރުވެރިކަމަށް ރާއްޖެ ހުޅުވައިލުމަށްފަހު، ބައިނަލްއަގުވާމީ ދަތުރުތައް އިތުރުކުރުމަށްޓަކައި ގައުމީ ވައިގެ ބަނދަރުގައި އެއާ ޓްރެފިކް ކޮންޓްރޯލުގެ ހިދުމަތް ދޭން ފެށުން ގުޅިފައިވަނީ އެ ހަނދާންތަކާ ކަމަށް ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
"ދިވެހިންގެ ފުރަތަމަ އެއާ ޓްރެފިކް ކޮންޓްރޯލަރު އަވަހާރަވުމުގެ ހިތާމާގައި އެ އާއިލާއަށް، އަދި މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑްގެ ވެރީންނަށާއި މުވަައްޒަފުންނަށް ތައުޒިޔާ ދަންނަވަން،" --- ރައީސް ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ރައީސްގެ ޕޯސްޓުގައި އިތުރަށް ވިދާޅުވީ، ނައީމްއަށް ސުވަރުގޭގެ ދާއިމީ ނިއުމަތް ދެއްވުން އެދި ދުޢާކުރާ ކަމަށެވެ.






