ކުރިއަށް އޮތް ލޯކަލް ކައުންސިލް އިންތިހާބާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީތަކުގެ އިންތިހާބާއި ދިމާކޮށް ތާއީދު ހޯދުމަށް ރިޝްވަތަކަށްވާ ގޮތަށް އެއްވެސް ފައިސާއެއް ނުވަތަ އެއްޗެއް، އެއްވެސް ފަރާތަކުން ހުށަހަޅައިފިނަމަ އެންޓި ކޮރަޕްޝަން ކޮމިޝަނަށް ރިޕޯޓުކުރުމަށް އެ ކޮމިޝަނުން އަންގައިފި އެވެ.
އޭސީސީން ބުނީ ދިވެހިރާއްޖޭގައި ބާއްވާ އާންމު އިންތިހާބުތަކުގައި، ކެންޑިޑޭޓުންނަށް ތާއީދު ހޯދުމުގައްޔާއި ވޯޓު ދިނުމުގެ ހައްގު އަދާކުރުމުގައި ރިޝްވަތުގެ މުއާމަލާތްތައް ހިނގާކަން ފާހަގަކުރެވޭ ކަމަށާއި މިފަދަ މައްސަލަތައް އިތުރުވަމުން ދިއުމަކީ ދައުލަތުގެ މުވައްސަސާތަކާއި އިދާރާތަކަށް ރައްޔިތުންގެ އިތުބާރު ގެއްލިގެންދާ ކަމެއް ކަމަށެވެ. އެހެންކަމުން އިންތިހާބާ ގުޅޭ ނިންމުންތައް ނިންމުމުގައި ރައްޔިތުން ނަޒާހަތްތެރިކަން އިސްކުރުމަކީ ވަރަށް މުހިންމު ކަމެއް ކަމަށް އެ ކޮމިޝަނުން ބުންޏެވެ.
އޭސީސީން ބުނީ ގައުމުގެ މުސްތަގުބަލަށްޓަކައި ރައްޔިތުން ވިސްނާ ފިކުރުކޮށް، ކޮރަޕްޝަން ހުއްޓުވުމަށް ފަރުދީ ޒިންމާ އަދާކުރުމަކީ މުހިންމު ކަމެއް ކަމަށާއި، ރިޝްވަތުގެ މުއާމަލާތްތަކުގެ ތެރެއިން ވޯޓު ގަނެގެން މަގާމުތަކަށް އިންތިހާބުވުމަށް ވިސްނާ ކެންޑިޑޭޓުންނަކީ، ރައްޔިތުންގެ ހަގީގީ ބާރުވެރިކަން ރައްޔިތުންގެ އަތުން ނިގުޅައިގަނެ ހަމައެކަނި އެފަދަ ފަރާތްތަކުގެ އަމިއްލަ މަސްލަހަތަށް މަސައްކަތް ކުރާ ބައެއް ކަމަށެވެ.
އަދި ރިޝްވަތު ހިފައި، ތިމާއަށް ލިބިފައިވާ އިންތިހާބީ ހައްގު އަމިއްލަ ވަގުތީ ފައިދާއަކަށްޓަކައި ވިއްކާލުމަކީ، ތިމާގެ އަމިއްލަ ނަފްސަށާއި ޢާއިލާއަށާއި މުޅި މުޖުތަމަޢަށް ވެވޭ ހިޔާނާތެއް ކަމަށް އޭސީސީން ބުންޏެވެ.
އެހެންކަމުން، އިންތިހާބުތަކާ ބެހޭ އާންމު ގާނޫނުގައި ބަޔާންކޮށްފައިވާ ފަދަ ރިޝްވަތުގެ އެއްވެސް އަމަލެއް އެއްވެސް ފަރާތަކުން ނުކުރުމަށް އެ ކޮމިޝަނުން ވަނީ އިލްތިމާސްކޮށްފަ އެވެ.
އަދި އިންތިހާބުގައި ވާދަކުރާ ކެންޑިޑޭޓުން ނުވަތަ އިންތިހާބަށް ކެމްޕޭން ކުރަމުންދާ ފަރާތްތަކުން އިންތިހާބީ ދާއިރާއެއްގެ ވޯޓަށް އަސަރު ކުރާނެ ފަދަ ގޮތަކަށް ކޮރަޕްޝަންގެ އަމަލެއް ހިންގާ ކަމުގެ މައުލޫމާތު ލިބިއްޖެނަމަ އެފަދަ ކަމެއް ލަސްނުކޮށް އެ ކޮމިޝަނަށް ރިޕޯޓް ކުރުމަށް ވަނީ އެދިފައެވެ.
ރިޕޯޓް ކުރުމުގައި މައްސަލަ ތަފްސީލުކޮށް ބަޔާން ކުރުމާއެކު މައްސަލަ ރައްދުވާ ފަރާތް ނުވަތަ އިދާރާ އަދި މައްސަލަ ހިނގި ނުވަތަ ހިނގަމުންދާ ދުސްވަރު ބަޔާން ކުރަންވާނެ ކަމަށާއި މައްސަލައެއް އެ ކޮމިޝަނަށް ހުށަހަޅައިފިނަމަ ނުވަތަ އެފަދަ ކަމެއް އެއްވެސް ގޮތަކުން އެ ކޮމިޝަނަށް ފާހަގަކުރެވިއްޖެނަމަ، އެކަމެއް ތަހުގީގު ކުރާނެ ކަމުގެ ފުރިހަމަ ޔަގީންކަން ދިވެހި ރައްޔިތުންނަށް އަރުވާ ކަމަށްވެސް އޭސީސީން ބުންޏެވެ.






