ރިޔާސީ ބަޔާން އިއްވާ ޖަލްސާ ފެބްރުއަރީ 5 ގައި

މުހައްމަދު ޖަމްޝަތު | 2 ދުވަސް ކުރިން - 12 ޖެނުއަރީ 2026 14:03
ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލިހަށް 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ .---ފޮޓޯ: މަޖިލިސް
ރައީސް މުއިއްޒު ރައްޔިތުންގެ މަޖިލިހަށް 2025 ވަނަ އަހަރުގެ ރިޔާސީ ބަޔާން އިއްވަވަނީ .---ފޮޓޯ: މަޖިލިސް
ޚުލާސާ

ރިޔާސީ ބަޔާން އިއްވާ ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގަ

މިއަހަރަށް ރައްޔިތުންގެ މަޖިލިސް ހުޅުވައި ރައީސުލްޖުމްހޫރިއްޔާ ރިޔާސީ ބަޔާން އިއްވަވާ ޖަލްސާ އަންނަ ފެބްރުއަރީ މަހުގެ ފަސް ވަނަ ވަނަ ދުވަހު ބާއްވަން ނިންމައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނީ އެމަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވަން މަޖިލީހުގެ ރައީސް ނިންމަވާފައިވަނީ ފެބްރުއަރީ ފަސް ވަނަ ދުވަހު ކަމަށެވެ. މި ޖަލްސާ އޮންނާނީ އެ ދުވަހުގެ ހެނދުނު 9:00 ގައި ރައްޔިތުންގެ މަޖިލިސްކުރާ ގޭގައެވެ.

މި ޖަލްސާގައި ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ރިޔާސީ ބަޔާން އިއްވަވާނެ އެވެ. މިއީ އެމަނިކުފާނު ވެރިކަމާއި ހަވާލު ވެވަޑައިގެންނެވިފަހުން ދެއްވާ ތިން ވަނަ ރިޔާސީ ބަޔާނެވެ.

ގާނޫނުއަސާސީގެ 84 ވަނަ މާއްދާގެ ދަށުން ކޮންމެ އަހަރަކުވެސް ރައްޔިތުންގެ މަޖިލީހުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާގައި ގައުމުގެ ހާލަތު ބަޔާންކޮށްދީ، ގައުމުގެ ހާލަތު އިތުރަށް ރަނގަޅުކުރުމަށްޓަކައި ކުރަންޖެހޭނެކަމަށް ފެންނަ ކަންތައްތަކުގެ މައްޗަށް އެކުލެވޭ ރިޔާސީ ބަޔާނެއް ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް އިއްވަވަންވާނެ އެވެ.

މަޖިލީހުގެ ގަވާއިދުގައި އޮންނަ ގޮތުން ކޮންމެ އަހަރަކުވެސް ރިޔާސީ ބަޔާން އިއްވުމުން ރައީސް ނިސްބަތްވާ ޕާޓީ ފިޔަވައި ދެން އެންމެ ގިނަ މެންބަރުން ތިއްބަވާ ސިޔާސީ ޕާޓީއެއްގެ މެޖޯރިޓީ ލީޑަރު ނުވަތަ މައިނޯރިޓީ ލީޑަރު، އެ ރިޔާސީ ބަޔާނަށް ދޭނެ ޖަވާބު ތައްޔާރުކޮށް އެ ޖަވާބު މަޖިލީހުގެ ޖަލްސާއެއްގައި ރިޔާސީ ބަޔާނަށް ދޭ ޖަވާބުގެ ގޮތުގައި އިއްވަންވާނެ އެވެ. އަދި މި ޖަވާބު އެކުލަވާލުމުގައި މެންބަރުންގެ ހިޔާލާއި ފިކުރު ހޯދަންވާނެކަމަށް ގަވާއިދުގައި ބަޔާންކޮށްފައިވެ އެވެ. ގަވާއިދުގެ ދަށުން ރިޔާސީ ބަޔާން އިއްވާތާ 14 ދުވަހުގެ ތެރޭގައި ޖަވާބު ދޭންވާނެ އެވެ.

އަންނަ މަހުގެ ފަސް ވަނަ ދުވަހު މިއަހަރުގެ ފުރަތަމަ ދައުރުގެ ފުރަތަމަ ޖަލްސާ ބާއްވާނެކަން މަޖިލީހުން ހާމަކޮށްފައިވާއިރު، މިއަހަރު ފެށުނު ފަހުން މަޖިލީހުގެ ދައުރުން ބޭރުން މިހާތަނަށް ދެ ޖަލްސާއެއް ވަނީ ބާއްވާފަ އެެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%