އީރާނުގެ އަމާންކަން ނަގާލައި ގައުމު ފަސާދަ ކުރުމަށްޓަކައި މިހާރު ކުރިޔަށްދާ މުޒާހަރާގެ ބައިވެރިންނަށް މަރުގެ އަދަބު ދޭނެ ކަމަށް އީރާނުން އިއުލާން ކޮށްފިއެވެ. އިރާނުގެ ބަންޑާރަނައިބު ވިދާޅުވީ، މުޒާހަރާގެ ބައިވެރިން ގެންދަނީ ސަރުކާރުގެ ދުޝްމަނު ފަރާތްތަކާއި ގުޅިގެން ގައުމުގައި ފިތުނަ އުފައްދައި އާންމުން ވެސް މަރަމުން ކަމަށާއި، އެފަދަ އަމަލުތައް ހިންގުމަށް މުޒާހަރާގައި ބައިވެރިވުމަކީ މަރުގެ އަދަބު ލިބޭނެ ކަމެއް ކަމަށެވެ.
ޑިސެމްބަރު 28، 2025 ގައި އީރާނުގައި ފެށި މުޒާހަރާތައް ތިންވަނަ ހަފްތާއަށް ވަދެފައިވާއިރު، މުޒާހަރާތައް ކޮންޓްރޯލްކޮށް، އާންމު ރައްޔިތުންނާއި ސަރުކާރުގެ ތަންތަން ހިމާޔަތް ކުރުމަށް އީރާނުގެ ބަންޑާރަނައިބުގެ އޮފީހުން ގޮވައިލައިފިއެވެ. މުޒާހަރާ ކުރާ މީހުންނަށް މިއަށްވުރެ ހަރުކަށި އަދަބު ދިނުމުގެ ސަރުކާރުން އިންޒާރު ދިނީ، މުޒާހަރާތަކުގައި މިހާތަނަށް 538 މީހުން މަރުވެ 10،600 އަށް ވުރެ ގިނަ މީހުން ބަންދުކޮށްފައިވާ ދަނޑިވަޅެއްގައެވެ.
އެމެރިކާގައި ހުންނަ ހިއުމަން ރައިޓްސް އެކްޓިވިސްޓުންގެ ނިއުސް އެޖެންސީން ބުނާ ގޮތުގައި މިހާތަނަށް މުޒާހަރާގެ ބައިވެރިންގެ ތެރެއިން 490 މީހުންނާއި ފުލުހުންގެ 48 މީހުން މަރުވެފައިވެއެވެ.
އީރާނު ސަރުކާރުން މިހާތަނަށް މުޒާހަރާތައް ހުއްޓުވުމަށް ބޭނުންކޮށްފައި ވަނީ ބާރުގެ ގާތްގަނޑަކަށް 30 ޕަސެންޓެވެ.






