"އޮޕަރޭޝަން އަލިމަގު"ގެ ދަށުން މާލެ ސިޓީއާއި ގއ. އަތޮޅުގައި މިއަދު ކުރިއަށްގެންދިޔަ އޮޕަރޭޝަނުގައި މިހާތަނަށް ޖުމުލަ 10 ތަނެއް ބަލައިފާސްކޮށް، ހަތަރު މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިކަން ހާމަކޮށްފައިވަނީ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ. ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، މި އޮޕަރޭޝަނަކީ ސައުތު ޕޮލިސްގެ ޓީމުތަކާއި، އިންޓެލިޖެންސް އަދި ޑްރަގް އެންފޯސްމަންޓް ވިންގުން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
މިއީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާ ކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށް ފުލުހުން ބުންޏެވެ. މި އޮޕަރޭޝަނުގައި ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމާއި ގާނޫނު ތަންފީޒުކުރުމުގެ ގޮތުން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމުގެ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށްވެސް ފުލުހުންގެ ބަޔާނުގައި ބުނެފައިވެ އެވެ.
މަސްތުވާތަކެއްޗާއި އޭގެ ވިޔަފާރިކުރާ ނެޓްވޯކްތަކާއި ދެކޮޅަށް ފުލުހުން މިދިޔަ ނޮވެމްބަރު މަހު ވަނީ ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފަ އެވެ. އެގޮތުން އޮޕަރޭޝަން އަލިމަގުގެ ނަމުގައި ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ހިންގި މި އޮޕަރޭޝަނުގައި 105 ތަނެއް ފާސްކޮށް، 29.6 ކިލޯގެ ޑްރަގް ހޯދާފައިވެ އެވެ.
މި އޮޕަރޭޝަނުގައި 119 މީހަކު ހައްޔަރުކޮށްފައިވީ ނަމަވެސް އޭގެ ތެރެއިން ގިނަ މީހުންގެ ބަންދުގެ މުއްދަތު އިތުރުނުކޮށް ފުލުހުން ވަނީ އެ މީހުން ދޫކޮށްލައިފަ އެވެ.






