މަސްތުވާތަކެތި އެތެރެކޮށް އެތަކެތީ ވިޔަފާރިކޮށްގެން ހޯދާ ފައިސާ ލޯންޑާ ކުރާ ނެޓްވޯކެއް ހުއްޓުވައި ގާނޫނީ ފިޔަވަޅު އަޅަން ފުލުހުން މާލެ އާއި ގއ. އަތޮޅުގައި މިއަދު ހާއްސަ އޮަޕަރޭޝަނެއް ފަށައިފި އެވެ.
ފުލުހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ އެ އޮޕަރޭޝަނަކީ ސައުތު ޕޮލިސްގެ ޓީމުތަކާއި އިންޓެލިޖެންސް އާއި ޑްރަގް އެންފޯސްމަންޓް ވިންގުން ކުރިއަށްގެންދާ އޮޕަރޭޝަނެއް ކަމަށެވެ.
އަދި އެއީ ގއ. އަތޮޅުގައި ފުޅާ ދާއިރާއެއްގައި މަސްތުވާތަކެތީގެ ވިޔަފާރިކޮށް މަނީ ލޯންޑަރިންގެ އަމަލުތައް ހިންގާކަމަށް ތުހުމަތުކުރެވޭ ފަރާތްތަކަށް އަމާޒުކޮށްގެން ހިންގާ އޮޕަރޭޝަނެއް ކަމަށާއި އެ އޮޕަރޭޝަނުގައި ތުހުމަތުކުރެވޭ ފަރާތްތަކާ ގުޅުން ހުރި ތަންތަން ބަލައި ފާސްކުރުމާއި ގަނޫނު ތަންފީޒުކުރުމުގެ ގޮތުން އަލަން ޖެހޭ ފިޔަވަޅުތައް އެޅުމުގެ އަމަލީ މަސައްކަތްތައް ކުރިއަށް ގެންދާނެ ކަމަށް ވެސް ފުލުހުންގެ ބަޔާނުގައިވެ އެވެ.
މަސްތުވާތަކެއްޗާއި އޭގެ ވިޔަފާރިކުރާ ނެޓްވޯކްތަކާއި ދެކޮޅަށް ފުލުހުން މިދިޔަ ނޮވެމްބަރު މަހު ވަނީ ބޮޑު އޮޕަރޭޝަނެއް ކުރިއަށްގެންގޮސްފަ އެވެ. އޮޕަރޭޝަން އަލިމަގު ނަމުގައި މުޅި ރާއްޖޭގައި ހިންގި އޮޕަރޭޝަނުގައި 105 ތަނެއް ފާސްކޮށް، 29.6 ކިލޯގެ ޑްރަގް ހޯދި އެވެ. އަދި 119 މީހަކު ހައްޔަރުވެސް ކުރި އެވެ. ނަމަވެސް އޭގެ ތެރެއިން ގިނަ މީހުންގެ ބަންދުގެ މުއްދަތު އިތުރުނުކޮށް ފުލުހުން ވަނީ އެމީހުން ދޫކޮށްލާފަ އެވެ.






