ބާޒާރުމަތީ މަގު ހެދުން: 48 މީޓަރުގެ ސަރަހައްދެއް ޝީޓްޕައިލްކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 14 ދުވަސް ކުރިން - 10 ޖެނުއަރީ 2026 19:48
ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ/ ފޮޓޯ: އެމްޓީސީސީ
ބާޒާރުމަތީ މަގު ހެދުމުގެ މަސައްކަތް ކުރިއަށް ދަނީ/ ފޮޓޯ: އެމްޓީސީސީ
ޚުލާސާ

މި މަޝްރޫއު ނިމުމުން އެސަރަހައްދުގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވެގެންދާނެ.

މާލޭގެ ބާޒާރުމަތީ ސަރަހައްދުގެ މަގު ހެދުމުގެ ބޮޑު މަޝްރޫއުގެ ދަށުން މިހާތަނަށް 48 މީޓަރުގެ ސަރަހައްދެއް ޝީޓް ޕައިލްކޮށް ނިމިފައިވާ ކަމަށް މި މަޝްރޫއުގެ ކޮންޓްރެކްޓަރު، މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ) އިން ހާމަކޮށްފި އެވެ.

މިދިޔަ ޑިސެމްބަރު މަހުގެ 9 ވަނަ ދުވަހު އަމަލީ މަސައްކަތް ފެށި މި މަޝްރޫއުގެ ދަށުން މިހާރު ކުރިއަށްދާ މަސައްކަތްތަކާ ގުޅޭގޮތުން އެމްޓީސީސީން ބުނީ، މަގު ހެދުމުގެ ތެރެއިން ދުވާރު ހެދުމުގެ މަސައްކަތް ހުއްޓުމެއްނެތި ކުރިއަށްދާ ކަމަށެވެ. އަދި މަގުގައި ފެން ހޮޅި އެޅުމުގެ 50 އިންސައްތަ މަސައްކަތް މިހާރު ނިމިފައިވާ އިރު، އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖެއްސުމަށްޓަކައި ބޭނުންވާ ބިން ހިއްކުމުގެ މަސައްކަތްވެސް ބާރުމިނުގައި ކުރިއަށްދާ ކަމަށް އެ ކުންފުނިން ބުންޏެވެ.

މި މަޝްރޫއުގެ ދަށުން މާލޭގެ ލޯކަލް މާރުކޭޓް ސަރަހަދުން ފެށިގެން ނޯތު ހާބަރާ ހަމައަށް 250 މީޓަރުގެ ސަރަހައްދެއް ތާރު އަޅައިގެން ތަރައްގީ ކުރުމަށް ވަނީ ހަމަޖެހިފަ އެވެ. މި ސަރަހައްދުގެ މަގު ފުޅާކުރުމުގެ ގޮތުން އެއްގަމު ތޮށި 6 މީޓަރަށް ބޭރަށް ޖެއްސުމަށް ވަނީ ނިންމާފަ އެވެ.

އެމްޓީސީސީން ބުނީ، މި މަޝްރޫއު ނިމުމުން ބާޒާރުމަތީ ސަރަހައްދުގެ މަގުތަކަކީ ދެކޮޅަށް ދުއްވޭ، ހިނގާ މީހުންނަށް އަމާން އަދި ފެންބޮޑުވުމުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިފައިވާ ޒަމާނީ މަގުތަކަކަށް ވެގެންދާނެކަމަށެވެ.

ބޮޑުތަކުރުފާނު މަގު ތަރައްގީ ކުރުމުގެ މި ބިޔަ މަޝްރޫއުގެ ދަށުން ހެންވޭރު ފެރީ ޓާމިނަލުން ފެށިގެން ނޯތު ހާބަރާ ހަމައަށް ޖުމްލަ 1،088 މީޓަރުގެ ސަރަހައްދެއް ތަރައްގީ ކުރުމަށް ހަމަޖެހިފައިވެ އެވެ. މީގެ ތެރެއިން ފުރަތަމަ ފިޔަވަހީގެ 140 މީޓަރުގެ މަސައްކަތް މިހާރު ވަނީ ނިމިފަ އެވެ. މި މަސައްކަތުގެ ސަބަބުން މާލޭގެ ވިޔަފާރި ބަނދަރު ސަރަހައްދުގެ ތޮއްޖެހުން ކުޑަވެ، މުދާ އުފުލުމާއި ދަތުރުފަތުރު ކުރުމުގައި އާންމުންނާއި ވިޔަފާރިވެރިންނަށް ބޮޑެތި ފަސޭހަތަކެއް ލިބޭނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޢިއްޒު ވެސް ވަނީ ފާހަގަކޮށްފަ އެވެ.

އެމްޓީސީސީގެ އަމާޒަކީ ކުރިއަށް އޮތް ބަރަކާތްތެރި ރަމަޟާން މަހުގެ ކުރިން، މަގު ހެދުމުގެ ދެވަނަ ފިޔަވަހީގެ މަސައްކަތްތައް އެއްކޮށް ނިންމައި އާންމުންނަށް ބޭނުންކުރުމަށް މަގު ހުޅުވާލުންކަމަށް އެ ކުންފުނިން ބުނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%