ނިމިދިޔަ ޑިސެމްބަރުމަހު ސްކޭމް މައްސަލަތަކުގައި 1.9 މިލިއަން ރުފިޔާ ގެއްލިފައިވާކަމަށް ފުލުހުން ހާމަކޮށްފި އެވެ.
ފުލުހުންގެ އެންޓި ސްކޭމް ސެންޓަރުން އާންމުކުރި ތަފާސްހިސާބުތަކުގައިވާ ގޮތުން ނިމިދިޔަ ޑިސެމްބަރު މަހު ސްކޭމްތަކުގެ މައްސަލަތައް ވަނީ ގިނަވެފަ އެވެ. އެގޮތުން ޑިސެމްބަރު މަސް ތެރޭގައި ސްކޭމްގެ 179 މައްސަލައެއް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުގައިވެ އެވެ.
ފުލުހުންގެ ތަފާސްހިސާބުތަކުގައިވާ ގޮތުން އެ 179 މައްސަލައިގެ ތެރެއިން ފައިސާ ރިކަވާ ކުރެވިފައި ވަނީ 89 މައްސަލައެއްގަ އެވެ. ބާކީ 45 މައްސަލައިގައި ގެއްލުނު ފައިސާގެ ދެބައިކުޅަ އެއްބައި ރިކަވާ ކުރެވުނުކަމަށް ތަފާސްހިސާބުގައިވެ އެވެ.
އެންމެ ގިނަ ސްކޭމްތައް ހިންގާފައިވަނީ އީ ކޮމާސް ޕްލެޓްފޯމްތައް މެދުވެރިކޮށެވެ. އެފަދަ 80 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ. އޮޅުވާލައިގެން އެހެން މީހަކަށް ވެގެން ފައިސާ ހޯދި 44 މައްސަލައަކާއި ފައިސާ މާރުކުރުމުގެ ފައިސާ ހޯދި 31 މައްސަލައެއްގެ އިތުރުން ފިޝިން ވިޝަން އަދި ވަޒީފާގެ ސްކޭމްތަކުގެ 16 މައްސަލައެއް، އެންޓި ސްކޭމް ސެންޓަރަށް ހުށަހަޅާފައިވާ ކަމަށް ތަފާސްހިސާބުގައި ބުންޏެވެ.
އެ މައްސަލަތަކުގެ އިތުރުން ވެސް 16 މައްސަލައެއް ރިޕޯޓުކޮށްފައިވާ ކަމަށް ތަފާސްހިސާބުގައިވެ އެވެ.
ތަފާސްހިސާބުގައި ފާހަގަކޮށްފައިވާ ގޮތުން އެ މައްސަލަތަކުގައި 1.9 މިލިއަނަށްވުރެ ގިނަ ރުފިޔާގެ ގެއްލުންވަނީ ލިބިފަ އެވެ. ތަފާސްހިސާބުގައިވާ ގޮތުން އެންޓި ސްކޭމް ސެންޓަރުންވަނީ ޑިސެމްބަރު މަހުގެ ތެރޭގައި ސްކޭމްތަކުގައި ހިމެނޭ ހަތަރު މިލިއަން ރުފިޔާ ރިކަވާކޮށްފަ އެވެ. ރިކަވާކުރި ފައިސާތަކުގެ ތެރޭގައި ނޮވެމްބަރުމަހުގެ ސްކޭމް މައްސަލަތަކުގައި ހިމެނޭ ފައިސާ ވެސް ހިމެނެ އެވެ.






