ޣައްޒާ ބައިބައި ކުރުމަށް ކުރާ އެއްވެސް މަސައްކަތަކަށް މިސްރުން ދެކޮޅު ހަދާނެ ކަމަށާއި، އެއްވެސް ހާލަތެއްގައި އެކަމަށް ހުއްދަ ނުދޭނެ ކަމަށް ފޮރިން މިނިސްޓަރު ބަދުރު އަބްދުއްލަތީ ވިދާޅުވެއްޖެއެވެ.
އީޔޫގެ ހައި ރެޕްރެޒެންޓޭޓިވް ފޯ ފޮރިން އެފެއާޒް އެންޑް ސެކިއުރިޓީ ޕޮލިސީ ކާޖާ ކަލާސްއާ އެކު ބުރާސްފަތި ދުވަހު ޤާހިރާގައި ބޭއްވި ޖޮއިންޓް ޕްރެސް ކޮންފަރެންސްގައި ވާހަކަ ދައްކަވަމުން އަބްދުއްލަތީ ވިދާޅުވީ ޣައްޒާ އެއްބަސްވުމުގެ ފުރަތަމަ ފިޔަވަހީގެ ތަންފީޒު އަވަސް ކުރަން ޖެހޭ ކަމަށް ދެ ފަރާތުން އެއްބަސްވެފައިވާ ކަމަށެވެ. ޚާއްސަކޮށް ރަފާހު ހުރަސް ދެ ދިމާލުން ހުޅުވައި، ދެވަނަ ފިޔަވަހި ފަށަން މިހާރުންމިހާރަށް އަމަލުކުރަން ޖެހޭކަން ފާހަގަކުރެއްވިއެވެ.
އަބްދުއްލަތީ ވިދާޅުވީ މިސްރުގައި ޣައްޒާގެ ގިނަ އަދަދެއްގެ ރެފިއުޖީން ތިބުމުގެ ސަބަބުން އެކަމުގެ ބޮޑު ބުރައެއް މިސްރު ސަރުކާރުން އުފުލަމުންދާ ކަމަށާއި މި މައްސަލަ ހައްލުކުރެވޭނީ ރަފާހް ބޯޑަރު ހުޅުވައި އެ ރެފިއުޖީންތައް ޣައްޒާ އަށް ފޮނުވައިގެންނެވެ. އެހެންކަމުން މިކަމުގެ އެހީތެރިވުމަށް ބައިނަލްއަގްވާމީ އަދި ޔޫރަޕްގެ އެއްބާރުލުން ބޭނުންވާ ކަމަށް ފާހަގަކުރެއްވިއެވެ.






