މި އަހަރާއި އަދި އަންނަ އަހަރު ވެސް ނިމެންދެން ބޭރުގެ އެއްވެސް މީޑިއާއަކަށް ޣައްޒާ އަށް ނުވަދެވޭނެ ގޮތަށް އިސްރާއީލުން ނިންމައިފިއެވެ.
އިސްރާއީލުން މިގޮތަށް ނިންމީ، ޣައްޒާގައި ހިންގި ނަސްލު ނައްތާލުމުގެ ލައިވް ފުޓޭޖުތައް ސޯޝަލް މީޑިއާގައި ފެތުރި، އިސްރާއީލުން ޣައްޒާގައި ހިންގި ޖަރީމާތައް ފާޅައެރުމުންނެވެ.
2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިސްރާއީލުން ވަނީ ޣައްޒާގައި ޝަހީދުކޮށްލި 70 ހާހަށްވުރެ ގިނަ މީހުންގެ އިތުރުން 278 ނޫސްވެރިންނާއި އެމީހުންގެ އާއިލާގެ 706 މީހުން ވެސް މަރާލާފައެވެ.
ޣައްޒާ ރައްޔިތުންގެ އަޑު ކަނޑުވާލުމަށްޓަކައި އިސްރާއީލުން ދިޔައީ ފަލަސްތީނު މީހުން ކަތިލަމުންނާއި ދިރިހުއްޓާ އެންދުން ފަދަ ހަނގުރާމައިގެ ޖަރީމާތައް ހިންގަމުންނެވެ. އިސްރާއީލުން އަމަލުކުރީ ބައިނަލްއަގްވާމީ ގާނޫނުތަކާއި މުޅިން ހިލާފަށެވެ.
މި ހުރިހާ ކަމެއް ބޭޒާރުކޮށްލީ މީޑިއާއިންނެވެ. އެހެންކަމުން، ބީބީސީ (ޔޫކޭ)، އަލްޖަޒީރާ އިންޓަނޭޝަނަލް، ސީއެންއެން، ރޮއިޓަރސް، އަދި އެސޯސިއޭޓެޑް ޕްރެސް ފަދަ ބޭރުގެ މީޑިއާތަކަށް ވެސް 2027 ވަނަ އަހަރު ނިމެންދެން މިނިވަންކަމާއެކު ޣައްޒާއަށް ވަނުމުގެ ހުއްދައެއް އިސްރާއީލުން ނުދޭނެއެވެ.
އިސްރާއީލުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި ޣައްޒާ އަށް ބޭރުގެ ނޫސްވެރިން ނުވައްދަން ނިންމީ ނޫސްވެރިންގެ ސަލާމަތަށެވެ. ނަމަވެސް ކޮމިޓީ ޓު ޕްރޮޓެކްޓް ޖާނަލިސްޓުން (ސީޕީޖޭ) އާއި ފޮރިން ޕްރެސް އެސޯސިއޭޝަން ފަދަ ޖަމިއްޔާތަކުން ބުނާ ގޮތުގައި އިސްރާއީލުގެ ނެސެޓުން މިގޮތަށް ނިންމާފައި ވަނީ ހަގީގަތް ފޮރުވުމަށެވެ.









