ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އޮފީސް އިމާރާތް ރަސްމީކޮށް ހުޅުވައިފި އެވެ.
ޕީއެންސީގެ މައި ޖަގަހަ ހުންނަ ހ. ވިލާގައި އިމާރާތްކުރި ދެ ފަންގިފިލާގެ މި އޮފީސް ހުޅުއްވައިދެއްވީ ރައީސުލްޖުމްހޫރިއްޔާ އަދި ޕީއެންސީގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒު އެވެ.
އޮފީސް ހުޅުވުމަށް ބޭއްވި ރަސްމިއްޔާތުގައި ވާހަކަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ވެރިކަން ކުރާ އެ ޕާޓީ ދުވަހަކަށްވުރެ ދުވަހެއް ދަނީ ބޮޑުވ، ހަރަކާތްތައް ދަނީ އިތުރުވަމުން ކަމަށެވެ. އަދި މިރޭ ހުޅުވި އޮފީސް ވެގެންދާނީ ޑިމޮކްރަސީގެ ރިވެތި އުސޫލުގެ މަތިން ސިޔާސީ ޕާޓީއެއް އެންމެ ފުރިހަމައަށް އަދި އެންމެ ޒިންމާދާރުކަމާ އެކީގައި ހިންގުމަށްޓަކައި ބޭނުންކުރެވިދާނެ ވަސީލަތެއް ގޮތުގައި ކަމަށް ރައީސް ވިދާޅުވި އެވެ. އެ އޮފީސް ފުރިހަމައަށް ހަދައި ޕާޓީގެ މެންބަރުންނަށް ބޭނުންކުރެވޭ ގޮތަށް ހެދުމަށް މަގުފަހިކުރުމަށްޓަކައި އެކަމުގައި މަސައްކަތްކުރި ފަރާތްތަކަށް ރައީސް ވަނީ ޝުކުރު އަދާކޮށްފަ އެވެ.
އަންނަ ލޯކަލް ކައުންސިލް އިންތިހާބުގައި ސަރުކާރަށް އެއްބާރުލުންދޭނެ ކެންޑިޑޭޓުން ހޮވައިދިނުމަށް އެދިލައްވަމުން ރައީސް ވިދާޅުވީ ބައެއް ކެންޑިޑޭޓުން ސަރުކާރު ޖަވާބުދާރީ ކުރުވުމުގެ ނަމުގައި ކެންޕެއިން ކުރަމުން ގެންދާ ކަމަށާއި، ނަމަވެސް ކައުންސިލްތަކަކީ ސަރުކާރު ޖަވާބުދާރީ ކުރުވަން އޮންނަ ތަނެއް ނޫން ކަމަށެވެ. ރައީސް ވިދާޅުވީ ކައުންސިލަކީ ތިންބާރު ވަކިވެފައި އޮންނަ ނިޒާމެއްގައި ވެރިކަން ހިންގުމުގެ ބާރުގެ ތެރޭގައި އޮންނަ ފަށަލައެއް ކަމަށެވެ.
ޕީއެންސީ އަކީ މިވަގުތު ރާއްޖޭގައި އޮތް އެންމެ ބޮޑު އަދި އެންމެ މެންބަރު ގިނަ ސިޔާސީ ޕާޓީ އެވެ. އިލެކްޝަންސް ކޮމިޝަންގެ ދަފްތަރުގައިވާ ގޮތުން އެ ޕާޓީގައި މިވަގުތު 74,048 މެންބަރުން އެބަތިއްބެވެ. ދެވަނައިގައި އޮތް އެމްޑީޕީގައި މިވަގުތު ތިބީ 43،784 މެންބަރުންނެވެ.






