ކޮންގްރެސް ޕާޓީ އޮފީސް ރަސްމީކޮށް ހުޅުވުން މިރޭ، ރައީސް ބައިވެރިވެ ވަޑައިގަންނަވާނެ!

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 6 ދުވަސް ކުރިން - 8 ޖެނުއަރީ 2026 15:01
ޕީއެންސީ ހަރުގެ ހުޅުވުމުގެ ހަފްލާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ--- ފޮޓޯ: ޕީއެންސީ
ޕީއެންސީ ހަރުގެ ހުޅުވުމުގެ ހަފްލާގައި ރައީސް ބައިވެރިވެވަޑައިގަންނަވަނީ--- ފޮޓޯ: ޕީއެންސީ
ޚުލާސާ

ކޮންގްރެސް ޕާޓީގެ އޮފީސް ހުޅުވުމުގެ ހަފްލާ ޝަރަފްވެރިކޮށްދެއްވާނީ ރައީސް ޑރ. މުއިއްޒު

ޕީޕަލްސް ނެޝަނަލް ކޮންގްރެސް (ޕީއެންސީ)ގެ އޮފީސް ރަސްމީކޮށް މިރޭ ހުޅުވުމަށް ނިންމައިފި އެވެ.

ޕީއެންސީގެ ފަރާތުން "ޚުލާސާ"އަށް މައުލޫމާތު ދެއްވި އެ ޕާޓީގެ އިސް އޮފިޝަލަކު ވިދާޅުވީ، ޕީއެންސީގެ އާ އޮފީސް ހުޅުވަނީ ކުރިންވެސް އެ ޕާޓީގެ އޮފީސް ހިންގި އިމާރާތުގައި ކަމަށާއި، އެ އޮފީސް ހުޅުވަނީ މަރާމާތުކޮށްފައި ކަމަށެވެ. އެހެންކަމުން ކުރިއަށްވުރެ އެ އޮފީސް ބޮޑުވެ ޖާގަ ތަނަވަސްވާނެ ކަމަށް އޭނާ ވިދާޅުވި އެވެ.

ޕީއެންސީގެ އޮފީސް ރަސްމީކޮށް މިރޭ ހުޅުވުމަށް ހަމަޖެހިފައިވާއިރު އެ އޮފީސް ހުޅުވުމުގެ ހަފްލާގައި ރައީސް ޑރ. މުހައްމަދު މުއިއްޒު ބައިވެރިވެވަޑައިގަތުމަށް ވަނީ ހަމަޖެހިފަ އެވެ. އޮފީސް ހުޅުވުމުގެ ރަސްމިއްޔާތު ޝަރަފްވެރިކޮށްދެއްވާނީވެސް އެމަނިކުފާނެވެ. މި ހަފްލާގައި އެ ޕާޓީގެ އިސްވެރިންނާއި އެ ޕާޓީއަށް ނިސްބަތްވާ މަޖިލިސް މެމްބަރުންވެސް ބައިވެރިވެވަޑައިގަންނަވާނެ އެވެ.

ޕީއެންސީން ވަނީ އެ ޕާޓީއަށް ސަޕޯޓްކުރާ ފަރާތްތަކުން އޮފީސް ހުޅުވުމުގެ ރަސްމިއްޔާތަށް ވަޑައިގަތުމަށް އެދި ދައުވަތުވެސް ފޮނުވައިފަ އެވެ. ޕީއެންސީ އޮފީސް ހުޅުވުމުގެ ހަފްލާ އޮންނާނީ މިރޭ 20:30 ގައި ބޮޑުތަކުރުފާނު މަގުގައި ހުންނަ އެ ޕާޓީގެ އޮފީހުގަ އެވެ.

ޕީއެންސީއަކީ ރާއްޖޭގައި މި ވަގުތު އޮތް އެންމެ މެމްބަރުން ގިނަ ޕާޓީ އެވެ. އެގޮތުން އިލެކްޝަންސް ކޮމިޝަނުގެ އެންމެ ފަހުގެ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އެ ޕާޓީގެ ދަފްތަރުގައި މި ވަގުތު 74،048 މީހުން ވަނީ ރަޖިސްޓްރީވެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%