އުމުރުން 75 އަހަރު ވަންދެން ދައުލަތުގެ ވަޒީފާ އަދާކުރެވޭ ގޮތަށް، ރީ-އެމްޕްލޯއިމަންޓްގެ ބިލު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު މިއަދު ތަސްދީގުކުރައްވައިފި އެވެ.
މި ބިލު ފާސްކުރައްވާފައިވަނީ، މި މަހުގެ ފަސް ވަނަ ދުވަހު، ދައުރުން ބޭރުން ބޭއްވި ރައްޔިތުންގެ މަޖިލީހުގެ ޖަލްސާގަ އެވެ.
މި ބިލުގެ މަގްސަދަކީ، ދައުލަތުގެ ވަޒީފާ އަދާކުރަމުންދާ ފަރާތްތައް، އުމުރުން 75 އަހަރު ފުރުމާ ހަމައަށް މަސައްކަތްކުރުމުގެ ފުރުސަތު ހޯދައިދިނުމަށް މަގުފަހިކޮށްދިނުމަށްޓަކައި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގެ ފުރުސަތު ދިނުމުގައި ބަލާނެ ހަމަތަކާއި އުސޫލުތައް ކަނޑައެޅުމާއި، ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ އަދާކުރުމުގައި އަމަލުކުރެވޭނެ އުސޫލުތައް ބަޔާންކުރުން ކަމަށް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
މި ބިލުގައި ބަޔާންކޮށްފައިވާ ގޮތުން، މި ގާނޫނު ހިނގާނީ ދައުލަތުގެ ވަޒީފާ އަދާކުރާ ނުވަތަ ކޮށްފައިވާ ފަރާތްތަކުގެ މައްޗަށް ކަމަށާއި، އޭގެ ތެރޭގައި ސިފައިން، ފުލުހުން، ފަނޑިޔާރުން، ގާނޫނުއަސާސީގެ ނުވަތަ ގާނޫނެއްގެ ދަށުން އައްޔަންކުރެވޭ މަގާމުތައް އަދާކުރާ ފަރާތްތައް ނުހިމެނޭ ކަމަށްވެސް ރައީސް އޮފީހުން ވަނީ ބުނެފަ އެވެ.
މި ބިލުގެ ދަށުން ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނީ، އުމުރުން 65 އަހަރުން ފެށިގެން 75 އަހަރު ފުރުމާ ހަމައަށެވެ. މީގެ އިތުރުން، ދައުލަތުގެ ވަޒީފާއެއް އަދާކުރަމުންދިޔަ ފަރާތްތަކުގެ ތެރެއިން ގާނޫނަށް އަމަލުކުރަން ފެށުމުގެ ކުރިއަށް ހިނގާފައިވާ ހަތް އަހަރުދުވަހުގެ މުއްދަތުގެ ތެރޭގައި، ޕެންޝަން ހައްގުވާ އުމުރު ހަމަވުމުގެ ސަބަބުން ވަޒީފާއިން ވަކިވެފައިވާ ފަރާތްތަކަށް ވެސް ރީ-އެމްޕްލޯއިމަންޓް އުސޫލުން ވަޒީފާ ދެވޭނެ އެވެ.
މި ބިލަށް އަމަލުކުރަން ފަށާނީ، ރައީސުލްޖުމްހޫރިއްޔާ މި ބިލު ތަސްދީގުކުރައްވައި ދިވެހިސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރާ ތާރީހުން ފެށިގެން 30 ދުވަސް ހަމަވާ ތާރީހުން ފެށިގެންނެވެ.






