ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމެއްގެ ދަށުން އިސްރާއީލުގެ ޖަލުތަކުން ޣައްޒާގެ ދިހަ މީހަކު ދޫކޮށްލައިފިއެވެ.
ގާނޫނާއި ހިލާފަށް ހައްޔަރުކުރުމަށްފަހު މިނިވަންކޮށްފައިވާ އަސީރުން މިހާރު ވަނީ އިންޓަނޭޝަނަލް ކޮމިޓީ އޮފް ރެޑްކްރޮސް (އައިސީއާރުސީ) ގެ ހަވާލުގައި މެޑިކަލް ތަހުލީލު ކުރުމަށް އަލް އަގްސާ ޝަހީދުންގެ ހޮސްޕިޓަލަށް ގެންގޮސްފައި ކަމަށް ޣައްޒާ އިން ބުނެއެވެ.
އިސްރާއީލުން ދޫކޮށްލި ފަލަސްތީނުގެ މީހުންގެ ކިބައިން އަނިޔާތަކުގެ އަލާމާތްތައް ފެނިފައިވާ ކަމަށް ސިއްހީ ފަރާތްތަކުންނާއި އިންސާނީ ހައްގުތަކާ ބެހޭ ޖަމިއްޔާތަކުން ބުނެއެވެ.
މީގެ ކުރިން ބަންދުން ދޫކޮށްލި މީހުން ބުނެފައިވަނީ އިސްރާއީލުގެ ޖަލުގައި ތިބޭ ފަލަސްތީނު މީހުންނަށް ބޮޑެތި ޖިސްމާނީ އަނިޔާތައް ކުރާ ކަމަށެވެ.
އިސްރާއީލުން ވަނީ ހަމާސްއާއެކު ހަނގުރާމަ ހުއްޓާލުމާއި ގައިދީން ބަދަލުކުރުމުގެ އެއްބަސްވުމުގެ ދަށުން އޮކްޓޯބަރު 13 ވަނަ ދުވަހު ވެސް ޣައްޒާގެ ގާތްގަނޑަކަށް 1،700 މީހުން ދޫކޮށްލާފައެވެ. މިނިވަންވި މީހުންގެ ތެރެއިން ގިނަ މީހުންގެ ސިއްހީ ހާލަތު ވަރަށް ދަށެވެ. އެއީ ބަންދުގައި ތިބި ދުވަސްވަރު އެމީހުންނަށް އަނިޔާކޮށް ބަނޑުހައިހޫނުކަމުގައި ބަހައްޓާފައި ވާތީއެވެ.
އަންހެނުންނާއި ކުޑަކުދިން ހިމެނޭ ގޮތަށް ފަލަސްތީނުގެ 10،000 އަށް ވުރެ ގިނަ މީހުން އިސްރާއީލުގެ ޖަލުތަކުގައި ބަންދުކޮށްފައިވާއިރު، އެތައް ބަޔަކު އަނިޔާކޮށް ޝަހީދުކޮށްލާފައި ވެއެވެ.
އިސްރާއީލު ސިފައިން ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން ޣައްޒާގައި ހިންގި ނަސްލު ނައްތާލުމުގައި ފަލަސްތީނުގެ ގާތްގަނޑަކަށް 71،000 މީހުން ޝަހީދުކޮށްލާފައެވެ. ގިނައީ ކަމާއި ނުބެހޭ އަންހެނުންނާއި ކުޑަކުދިންނެވެ.






