ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައިނުސާފުވުމުން ކުޅިވަރާއި ކަސްރަތަށް ނުނިކުތުމަށް އިލްތިމާސްކޮށްފި

އައިޝަތު ރުވާ ރިފްޢަތު | 7 ދުވަސް ކުރިން - 7 ޖެނުއަރީ 2026 18:45
މާލޭ ސަރައްހަދުގައި ސިއްހަތަށް ނުރައްކާ މިންވަރަށް ވައިނުސާފުވެފައި/ ފޮޓޯ: ޚުލާސާ
މާލޭ ސަރައްހަދުގައި ސިއްހަތަށް ނުރައްކާ މިންވަރަށް ވައިނުސާފުވެފައި/ ފޮޓޯ: ޚުލާސާ
ޚުލާސާ

މި ދުވަސްވަރު ބޭރުގައި އުޅޭއިރު މާސްކު ނުވަތަ އެފަދަ ރައްކާތެރި އާލާތެއް ބޭނުންކުރުމަށް އެޗްޕީއޭއިން ވަނީ އިލްތިމާސްކޮށްފައި.

މެދުރާއްޖެއާއި އުތުރުގެ އަތޮޅުތަކަށް ވަރަށް ބޮޑަށް ވައި ނުސާފުވެ، އާންމު ސިއްހަތަށް ނުރައްކާވާ މިންވަރަށް ވައިގެ ކޮލިޓީ ދަށްވުމާ ގުޅިގެން، ބޭރުގައި ކުޅިވަރު ކުޅުމާއި ކަސްރަތުކުރުން ފަދަ ހަރަކާތްތައް މަޑުޖައްސާލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން އިލްތިމާސްކޮށްފި އެވެ.

މެޓު އޮފީހުން ބުނި ގޮތުގައި، ރާއްޖޭގެ ސަރަހައްދުގައި ދުރުފެންނަ މިންވަރު ނުވަތަ ވިޒިބިލިޓީ ވަނީ ވަރަށް ބޮޑަށް ދަށްވެފަ އެވެ. އެގޮތުން ބުދަ ދުވަހު ދުރުފެންނަ މިންވަރު 1.5 ކިލޯމިޓަރަށްވުރެ ދަށްވެފައިވާއިރު، މެދުރާއްޖެއާއި އުތުރުގެ ސަރަޙައްދުތަކުގެ ވައިގެ ކޮލިޓީ މިހާރު ވަނީ "ރެޑް އެލާޓް" މިންގަނޑަށް އަރާފައެވެ. މެޓް އޮފީހުން ލަފާކުރާ ގޮތުގައި ކުރިއަށް އޮތް 5 ދުވަހުވެސް ރާއްޖޭގެ ވައި ނުރައްކާ މިންވަރަކަށް ނުސާފުކޮށް ހުންނާނެ އެވެ.

މިކަމާ ގުޅިގެން އެޗްޕީއޭއިން ބުނީ، ވައި ނުސާފުވުމުގެ ސަބަބުން ނޭދެވޭ ސިއްހީ އަސަރުތައް ކުރުމާއި، ފުއްޕާމެއާއި ހިތުގެ ބަލިތައް ހުންނަ ފަރާތްތަކަށް ބަލި ބޮޑުވުމުގެ ނުރައްކާ އެބައޮތް ކަމަށެވެ. އެހެންކަމުން މި ދުވަސްވަރު ބޭރުގައި އުޅޭއިރު ރައްކާތެރި މާސްކެއް ބޭނުންކުރުމަށާއި، ގޭތެރެއަށް ނުސާފު ވައި ނުވަންނާނެހެން ދޮރުތައް ލައްޕާފައި ބެހެއްޓުމަށް އެ އިދާރާއިން ވަނީ އިރުޝާދު ދެއްވާފަ އެވެ. މީގެ އިތުރުން އެއަރ ޕިއުރިފަޔާ ބޭނުންކުރުމަކީވެސް ރަނގަޅު ކަމެއް ކަމަށް އެޗްޕީއޭއިން ބުންޏެވެ.

ހާއްސަކޮށް ކުޑަކުދިންނާއި، މާބަނޑު މީހުންނާއި، ނޭވާލާ ނިޒާމުގެ ބަލިތަކާއި ފުއްޕާމޭގެ ބަލިތައް ހުންނަ ފަރާތްތަކުގެ އިތުރުން ދާއިމީ ބޮޑެތި ބަލިތަކަށް ފަރުވާ ހޯދާ ފަރާތްތަކުން މިދުވަސްވަރު ބޭރަށް ނުނިކުތުމަށް ސިއްހީ މާހިރުން ބާރުއަޅުއްވަ އެވެ.

އެގޮތުން ރާއްޖޭގެ އެއާ ކޮލިޓީ މޮނިޓަރ ކުރާ ސިސްޓަމްތަކުން ދައްކާ ގޮތުގައި، ބުދަ ދުވަހުގެ މެންދުރު މާލެ ސަރަހައްދުގެ ވައިގެ ނުސާފުކަން ހުރީ 193 ގައެވެ. އަދި ދ. ކުޑަހުވަދޫގައި ހުންނަ ސިސްޓަމުން ދައްކާ ގޮތުގައި އެ ސަރަހައްދުގެ ވައިގެ ކޮލިޓީ ހުރީ 162 ގައެވެ.

މިދުވަސްވަރު ރާއްޖޭގެ ވައި މިހާ ބޮޑަށް ނުސާފުވަނީ އިރުވައި މޫސުމުގައި ރާއްޖޭގެ އުތުރުން އިންޑިއާއާއި ހިމާލިޔާ ސަރަހައްދުން އަންނަ ފުސްދުމުގެ ސަބަބުންނެވެ. މިއީ ކޮންމެ އަހަރެއްގެވެސް އިރުވައި މޫސުމުގައި ރާއްޖެއަށް ކުރިމަތިވާ މައްސަލައެއްކަން ފާހަގަކުރެވެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%