މަސްތުވާތަކެތި ގެންގުޅެ އެ ތަކެތި ބޭނުންކުރާ ކަމަށް ތުހުމަތުކުރެވޭ މައްސަލައަކާ ގުޅިގެން ކުޅުދުއްފުށި ސިޓީން ދެ މީހަކު ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފި އެވެ.
ފުލުހުން ބުނީ މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ހދ. ނޮޅިވަރަން / މުރިނގު، އުމުރުން 35 އަހަރުގެ އަހުމަދު އަބްދުއްރައްޒާގު އާއި ބަންގްލަދޭޝްއަށް ނިސްބަތްވާ އުމުރުން 28 އަހަރުގެ ހޮސައިން ރިއާޒުކަމަށެވެ.
މި ދެ މީހުންގެ ތެރެއިން އަހްމަދު އަބްދުއްރައްޒާގު ހައްޔަރުކޮށްފައިވަނީ މިމަހުގެ މަހުގެ 3 ވަނަ ދުވަހު ކުޅުދުއްފުށި ސިޓީގެ މަގުމަތިންނެވެ. އޭނާ ހުއްޓުވައި ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ހަތަރު ރަބަރު ކޮތަޅު ފެނިފައިވާ ކަމަށް ފުލުހުން ބުންޏެވެ.
ބަންގްލަދޭޝްގެ ރައްޔިތެއް ކަމަށްވާ ހޮސައިން ރިއާޒް ހައްޔަރުކޮށްފައިވަނީ ޖަނަވަރީ މިމަހުގެ 2 ވަނަ ދުވަހުއެވެ. އޭނާވެސް މަގުމަތިން ހުއްޓުވައި ބަލައިފާސްކުރިއިރު، މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއް ހުރި ރަބަރުކޮޅެއް ފެނިފައިވާ ކަމަށް ފުލުހުން ހާމަކުރި އެވެ.
މި މައްސަލައާ ގުޅިގެން މި ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން، އަހްމަދު އަބްދުއްރައްޒާގު 15 ދުވަހަށް އަދި ހޮސައިން ރިއާޒް 5 ދުވަހަށް ބަންދުކުރުމަށް ކޯޓުން ވަނީ އަމުރުކޮށްފައެވެ.
މި މައްސަލައި އިތުރު ތަހުގީގުތައް ކުރިއަށް ދާކަމަށް ފުލުހުން ބުންޏެވެ.






