ރާއްޖޭގެ ބާޒާރުގައި ބޭސް ލިބުމަށް ހުރި ދަތިތައް ހައްލުކުރުމަށް ސަރުކާރުން ކުރަމުންދާ މަސައްކަތުގެ ދަށުން އެސްޓީއޯ އިން އެތެރެކުރާ ބޭހުގެ ބާވަތްތަކުގެ ސަޕްލައި ވަރަށް ބޮޑަށް އިތުރުކުރެވިފައިވާ ކަމަށް ހެލްތު މިނިސްޓަރު ޢަބްދުﷲ ނާޒިމް އިބްރާހީމް މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި ބޭސް ނުލިބުމުގެ މައްސަލައާ ގުޅޭގޮތުން ނޫސްވެރިއަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ ބޭސް ނުލިބުމުގެ މައްސަލަތައް ހައްލުކުރުމަށްޓަކައި ސަރުކާރުން ވަރަށް ގިނަ ފިޔަވަޅުތައް އަޅަމުންދާ ކަމަށާއި، އޭގެ ސަބަބުން މިހާރުވެސް ގިނަ ހައްލުތަކެއް ލިބެމުންދާ ކަމަށެވެ. ނަމަވެސް މިކަމުގައި އެންމެ ބޮޑު ހިތްހަމަޖެހުމެއް ލިބޭނީ ދިމާވެފައިވާ މައްސަލަތަކަށް 100 ޕަސެންޓް ހައްލުވުމުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.
"ހިދުމަތްތައް ފުޅާވަމުންދާ ވަރަކަށް އަޅުގަނޑުމެންގެ އެސެންޝިއަލް މެޑިސިން ލިސްޓްވެސް ފުޅާވެގެންދާނެ، އިތުރު ސަޕްލައި އަށް ބަރޯސާ ވާން ޖެހޭނެ. އެހެންކަމުން ކޮންމެ ޑިވެލޮޕްމެންޓްއަކާ އެކީ ގޮންޖެހުން އަންނަ ފަދައިން އަޅުގަނޑުމެންނަށް އައި ގޮންޖެހުންތަކެއް އެބަހުރި. ސިސްޓަމް ހާމަނާއިޒްކޮށް ސްޓްރެންތުކޮށް އަގު ކޮންޓްރޯލް ކުރުމާއި ރައްޔިތުންނަށް އެފޯޑަބަލް އަގެއްގައި ހިދުމަތް ފޯރުކޮށްދިނުމާއި، އާސަންދައިގެ ތެރެއިން މިދާ ލީވްތައް މަދުކުރުމަށްޓަކައި ގޮންޖެހުންތަކެއް އައި،" މިނިސްޓަރު ވިދާޅުވި އެވެ.
ކުރިމަތިވި ގޮންޖެހުންތަކާއެކުވެސް މިހާރު މި މައްސަލަތައް ވަނީ ވަރަށް ބޮޑުތަނުން ހައްލުކުރެވިފައިވާ ކަަމަށާއި އަދި މިހާރު ސަރުކާރުން އެންމެ އިސްކަމެއް ދީގެން ކުރަމުންދާ މަސައްކަތަކީ ބޭސް ސަޕްލައި އިތުރުކުރުން ކަމަށް މިނިސްޓަރު ވިދާޅުވި އެވެ. އެގޮތުން ރާއްޖެއަށް އެތެރެކުރާ ބޭހުގެ އެތައް ސަޕްލައިއެއް މިހާރު އިތުރުކުރެވިފައިވާ ކަމުގެ ޔަގީންކަން މިނިސްޓަރު ދެއްވި އެވެ.
ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒުގެ ސަރުކާރުން އަންނަނީ ސިއްހީ ދާއިރާ ހަރުދަނާކޮށް، ރައްޔިތުންނަށް ބޭނުންވާ އަސާސީ ބޭސްތައް ފަސޭހަކަމާއެކު ލިބޭނެ އިންތިޒާމު ހަމަޖެއްސުމަށް ގިނަ މަސައްކަތްތަކެއް ކުރަމުންކަން ވެސް މިނިސްޓަރު ފާހަގަކުރެއްވި އެވެ.






