ޑްރަގް އެންފޯސްމަންޓާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން ހިންގި އޮޕަރޭޝަނެއްގައި ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެއްޗާއެކު ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މި މަހުގެ ހަތަރު ވަނަ ދުވަހު ހިންގި މި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ޅ. ނައިފަރު / ފަލަކް، ޝާއިން އަލީ (27އ) އާއި އއ. ފެރިދޫ / އިހްރާމްގެ، އާއިޝަތު މާޝާ އަހްމަދު (20އ) ކަމަށެވެ.
ފުލުހުން ހިންގި މި އޮޮޕަރޭޝަނުގައި ކޯޓު އަމުރެއްގެ ދަށުން ހެންވޭރު ގެއެއް ގެ އެޕާޓްމަންޓެއް ބަލައިފާސްކޮށްފައިވާއިރު އެ އެޕާޓްމަންޓުން ތިން ކިލޯއަށްވުރެ ގިނަ މަސްތުވާތަކެތި ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ދެ މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އެ ދެ މީހުންވެސް ފަސް ދުވަހުގެ މުއްދަތަކަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ. ޑްރަގް އެންފޯސްމަންޓުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.






