އިގްތިސާދީ ގޮތުން ބޮޑެތި ދަތިތަކާއި ކުރިމަތިވެ، އިންފްލޭޝަން މަތިވުމާއި ގުޅިގެން ކަމަށް ބުނެ، އީރާނުގައި ކުރަމުންދާ މުޒާހަރާތައް ވަރުގަދަވެ، މުޒާހަރާތައް ކޮންޓްރޯލް ކުރުމަށް ބާރުގެ ބޭނުން ކުރަން ޖެހުމުން މަރުވި މީހުންގެ ޢަދަދު 20 އަށް އަރައިފިއެވެ.
ހުސްވި ޑިސެންބަރު މަހުގެ ފަހުކޮޅު ތެހެރާނު ބާޒާރު ސަރަޙައްދުގައި ފެށި މި މުޒާހަރާތައް މިހާރު ވަނީ 26 ޕްރޮވިސްންސަކަށް ފެތުރިފައެވެ. ޖުމްލަ 220 ސަރަޙައްދެއްގައި މިހާރު ގެންދަނީ މުޒާހަރާކޮށް މުދަލަށް ގެއްލުންދީ ހުޅު ވެސް ޖަހަމުންނެވެ.

އީރާނުގެ މަގުމަތީގައި ކުރިޔަށްދާ މުޒާހަރާތަކުގައި ވެހިކަލްތަކުގައި ހުޅުޖެހުމުން ދުން އަރާ މަންޒަރު
މުޒާހަރާތައް ހުއްޓުވުމަށް އީރާނުގެ ސަލާމަތީ ބާރުތަކުން ދަނީ އާންމުންނާއި ވަރަށް ވަރުގަދަޔަށް ކުރިމަތިލަމުން ކަމަށް މަސްދަރުތައް ބުނެއެވެ.
މުޒާހަރާގައި މަރުވި މީހުންގެ ތެރޭގައި އާންމުންނާއި ބަސީޖް މިލިޝިއާގެ މެމްބަރުން ވެސް ހިމެނޭއިރު، އީރާނުގެ ސަރުކާރުން ތުހުމަތު ކުރަނީ މިއީ އެމެރިކާ އާއި އިސްރާއީލުގެ ޖާސޫސުން އަޑީގައި ތިބެގެން އީރާނުތެރެ ގަޑުބަޑު ކުރުމަށް ފެށި މުޒާހަރާތަކެއް ކަމަށެވެ.
އީރާނުގެ ސަރުކާރުން ވަނީ ބައެއް ސަރަހައްދުތަކުގެ އިންޓަނެޓް ވެސް ކަނޑާލާފައެވެ.






