ރ. ކިނޮޅަސް ކައިރިން ކަނޑުމަތީގައި މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު އޮޔާދާ ކަމުގެ ރިޕޯޓު ލިބިގެން ފުލުހުން އެ ސަރަހައްދުގައި ހަރަކާތްތެރިވާން ފަށައިފިއެވެ.
ފުލުހުން މައުލޫމާތު ދީފައިވާ ގޮތުގައި، ކިނޮޅަހާ ދިމާ ބޭރު ކަނޑުމަތިން މަރުވެފައި އޮތް މީހެއްގެ ހަށިގަނޑު ފެނިގެން އެކަމުގެ މައުލޫމާތު ލިބިފައިވަނީ މިއަދު ހަވީރު 16:24 އެހާކަންހާއިރުއެވެ. މި މައުލޫމާތު ލިބުމާ ގުޅިގެން ފުލުހުން މިހާރު ދަނީ އެ ސަރަހައްދުގައި ހަރަކާތްތެރިވަމުންނެވެ.
ފުލުހުން ބުނީ މި ހާދިސާއާ ގުޅިގެން ބަލަންޖެހޭ ކަންކަން ތަހުގީގު ކުރަމުންދާ ކަމަށެވެ.
ނަމަވެސް، އެއީ ކާކުކަން ނުވަތަ އެ މީހާ ގުޅޭ އިތުރު މައުލޫމާތެެއް ފުލުހުން ހާމައެއް ނުކުރެއެވެ.
ފުލުހުން ބުނީ މިކަމާ ގުޅޭ އިތުރު މައުލޫމާތު ލިބެމުންދާ ވަރަކުން މީޑިއާތަކާ ހިއްސާ ކުރަމުންދާނެ ކަމަށެވެ.









