މާދަމާ މަޖިލީހުގެ ދައުރުން ބޭރުން ޖަލްސާއެއް ބާއްވަން ތާވަލުކޮށްފި އެވެ.
ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ މިދިޔަ އަހަރުގެ ތިން ދައުރުގެ ޖަލްސާތައް ނިންމައި، ޗުއްޓީގައެވެ. ނަމަވެސް މަޖިލީހުގެ އިދާރާއިން ހާމަކުރި ގޮތުގައި މާދަމާ ހެދުނު ދައުރުން ބޭރު ޖަލްސާއެއް ބޭއްވުމަށް ވަނީ ތާވަލުކޮށްފަ އެވެ.
މި ޖަލްސާ އޮންނާނީ މާދަމާ ހެނދުނު 9:00 ގައެެވެ. މި ޖަލްސާގައި ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް، އެޗްއާރުސީއެމަށް މެންބަރަކު އައްޔަން ކުރެއްވުމަށް ރައީސުލްޖުމްހޫރިއްޔާ ފޮނުވާފައިވާ މައްސަލަ ދިރާސާ ކުރުމަށް އެ މައްސަލައާ ގުޅޭ ދާއިމީ ކޮމިޓީއަށް ފޮނުވަން ވަނީ ތާވަލުކޮށްފަ އެވެ.
މީގެ އިތުރުން ތިން ބިލެއްގެ ފުރަތަމަ ކިޔުން އިއްވުމަށް މާދަމާގެ ޖަލްސާއަށް ތާވަލުކޮށްފައިވާއިރު، އެ ތިން ބިލުގެ ބަހުސް ކުރިއަށް ގެންދިއުމަށްވެސް ވަނީ ތަވާލުކޮށްފަ އެވެ.
މަޖިލީހަށް ތައާރަފު ކުރުމަށް ނިންމާފައިވަނީ، ސަރުކާރުގެ ފަރާތުން ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫގު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ގާނޫނުލްއުގޫބާތަށް އިސްލާހު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން މިލަންދޫ ދާއިރާގެ މެންބަރު ހަސަން މުފީދު ހުށަހަޅުއްވާފަައިވާ ޕެންޝަނާ ބެހޭ ގާނޫނަށް އިސްލާހު ގެނައުމުގެ ބިލާއި، ސަރުކާރުގެ ފަރާތުން އިނގުރައިދޫ ދާއިރާގެ މެންބަރު އިބްރާހިމް ފަލާހު ހުށަހަޅުއްވާފައިވާ ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ގާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލެވެ.
މީގެ އިތުރުން ރީ-އެމްޕްލޯއިމަންޓުގެ ބިލު ގައުމީ ތަރައްގީއާއި ތަރިކައިގެ ކޮމިޓީން ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓް މަޖިލީހުގެ ތަޅުމަށް ހުށަހަޅައި، އެ ރިޕޯޓަށް ބަހުސް ކުރުމާއި، ބިލު ފާސްކުރަން ވޯޓަށް އެހުންވެސް މާދަމާގެ ޖަލްސާއަށް ވަނީ ތާވަލުކޮށްފަ އެވެ.
ރައްޔިތުންގެ މަޖިލިސް މިހާރު އޮތީ މިދިޔަ އަހަރުގެ ތިން ދައުރުގެ ޖަލްސާތައް ނިންމައި، ޗުއްޓީގައެވެ. މަޖިލީހުގެ ޖަލްސާތައް އަންނަ މަހު ރަސްމީކޮށް ފެށުނު ނަމަވެސް މަޖިލީހުގެ މުހިންމު މަސައްކަތްތައް ނިންމުމަށް ދައުރުން ބޭރުން ޖަލްސާތައް ބޭއްވޭނެއެވެ.









