އިސްރާއީލު ސަރުކާރުގެ އޮފިޝަލުން، ދެ ވަޒީރުންނާއި ސެނެޓްގެ މެންބަރުން ހިމެނޭގޮތަށް، މަސްޖިދުލް އަލް އަޤްޞާއަށް ވަދެ ހިންގި ހަމަނުޖެހުން ދިވެހި ސަރުކާރުން އެންމެ ހަރުކަށި ޢިބާރާތުން ކުށްވެރިކޮށްފި އެވެ.
ދިވެހި ރާއްޖޭގެ ޚާރިޖީ ވުޒާރާއިން ނެރުނު ރަސްމީ ބަޔާނެއްގައި ވިދާޅުވެފައިވަނީ، އިސްރާއީލުގެ މި ޢަމަލަކީ، މުސްލިމް އުއްމަތުގެ އެންމެ މުޤައްދަސް އެއް ބިނާގެ ޙުރުމަތް ކެނޑުމާއެކު، މުސްލިމުންނާ ދެކޮޅަށް ހިންގި އަނިޔާވެރި ޢަމަލެއްގެ ގޮތުގައި ދިވެހި ސަރުކާރުން ދެކޭކަމަށެވެ.
މީގެ އިތުރުން އެ ބަޔާނުގައި އިސްރާއީލުން އަލްއަޤްޞާ މިސްކިތަށް ތަކުރާރުކޮށް ވަދެ ނުކުތުމަކީ މެދުއިރުމަތީ ސަރަޙައްދުގައި ޞުލްޙަ ޤާއިމުކުރުމަށް ކުރެވޭ މަސައްކަތްތަކަށް އެޅިގެންދާ ހުރަހެއްކަމުގައި ދެކި، އެކަމާމެދު ދިވެހިރާއްޖެއިން ކަންބޮޑުވުން ފާޅުކުރާކަށްވެސް ވެއެވެ.
ފަލަސްޠީނުގައި ހިނގާ ހަމަނުޖެހުންތަކުގައި މިހާތަނަށް 40،000 މީހުން ޝަހީދުވެފައިވާއިރު އޭގެ ތެރޭގައި ގިނައީ ކުށެއް ނެތް އަންހެނުންނާއި ކުޑަކުދީންނެވެ.









