އިގްތިސާދީ ގޮތުން ބޮޑެތި ދަތިތަކާއި ކުރިމަތިވެ، އިންފްލޭޝަން މަތިވުމާއި ގުޅިގެން، އީރާނުގައި ކުރަމުންދާ މުޒާހަރާތަކުގައި މަދުވެގެން 7 މީހުން މަރުވެއްޖެއެވެ.
މި މުޒާހަރާތަކަށް މިއަދަށް ވިދިވިދިގެން ފަސްވަނަ ދުވަސް ވެފައިވާއިރު އީރާނުގެ ސަލާމަތީ ބާރުތަކުން ދަނީ އާންމުންނާއި ވަރަށް ވަރުގަދަޔަށް ކުރިމަތިލަމުން ކަމަށް ހުޅަނގުގެ މަސްދަރުތައް ބުނެއެވެ.
މުޒާހަރާގައި މަރުވި މީހުންގެ ތެރޭގައި އާންމުންނާއި ބަސީޖް މިލިޝިއާގެ މެމްބަރުން ވެސް ހިމެނޭއިރު، މި ކުރިމަތިލުންތަކުގައި އިތުރު ދިހަވަރަކަށް މީހުން ޒަޚަމްވެފައިވާ ކަމަށް ރިޕޯޓްތައް ބުނެއެވެ.
އީރާނުގެ ސަރުކާރުން ތުހުމަތު ކުރަނީ މިއީ އިސްރާއީލުގެ ޖާސޫސުން އަޑީގައި ތިބެގެން އީރާނުތެރެ ގަޑުބަޑު ކުރުމަށް ފެށި މުޒާހަރާތަކެއް ކަމަށެވެ.
އީރާނުގެ ސަރުކާރުން ވަނީ ބައެއް ސަރަހައްދުތަކުގެ އިންޓަނެޓް ވެސް ކަނޑާލާފައެވެ.






