ފާފަކުރުމުގައި ދެމިތިބެ މަރުވެދިޔަ މީހުންނަށް މަހްޝަރު ދުވަހުން އޮތީ ކަންބޮޑުވުމާއި ހިތްދަތިކަން: ހުކުރު ހުތުބާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 12 ދުވަސް ކުރިން - 2 ޖެނުއަރީ 2026 13:04
މިސްކިތެއްގައި ބަޔަކު ނަމާދުކުރަނީ. މާތްﷲ ދުންޔަވީ ހަޔާތް ލެއްވީ މީސްތަކުން އިމްތިހާނުކުރައްވާ ގޮވައްޗެއްކަމުގައްޔާއި، އާހިރަތް ލިބިގަތުމަށްޓަކައި މަސައްކަތްކުރާ ތަނެއްކަމުގައި ކަމަށް--- ފޮޓޯ: ޚުލާސާ
މިސްކިތެއްގައި ބަޔަކު ނަމާދުކުރަނީ. މާތްﷲ ދުންޔަވީ ހަޔާތް ލެއްވީ މީސްތަކުން އިމްތިހާނުކުރައްވާ ގޮވައްޗެއްކަމުގައްޔާއި، އާހިރަތް ލިބިގަތުމަށްޓަކައި މަސައްކަތްކުރާ ތަނެއްކަމުގައި ކަމަށް--- ފޮޓޯ: ޚުލާސާ
ޚުލާސާ

ކޮންމެ އިންސާނަކުވެސް މަރުގެ ރަހަ ދެކޭނެ ކަމަށާއި، އެ ދުވަހަށް ތައްޔާރުވުމަކީ ކޮންމެ އިންސާނަކުވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށް ހުތުބާގައި ވަނީ ބުނެފަ

މާތްﷲ އަށް އުރެދި، ފާފަކުރުމުގައި ދެމިތިބެ މަރުވެދިޔަ މީހުންނަށް މަހްޝަރު ދުވަހުން އޮތީ ކަންބޮޑުވުމާއި ހިތްދަތިކަން ކަމުގައި މިއަދުގެ ހުކުރު ހުތުބާގައި ބުނެފި އެވެ.

މިއަދުގެ ހުކުރު ހުތުބާގައި ބުނީ މާތްﷲ ދުންޔަވީ ހަޔާތް ލެއްވީ މީސްތަކުން އިމްތިހާނުކުރައްވާ ގޮވައްޗެއްކަމުގައްޔާއި، އާހިރަތް ލިބިގަތުމަށްޓަކައި މަސައްކަތްކުރާ ތަނެއްކަމުގައި ކަމަށް ވަނީ ބުނެފަ އެވެ. އަދި މާތްﷲ އާހިރަތް ދުވަސް ލެއްވީ އެކަލާނގެއަށް ތަގުވާވެރިވެ، ދުނިޔޭގައި ހެޔޮ އަމަލުތައްކުރި މީހުންނަށް އިނާމުދެވި މާތްކޮށްހިތޭ ދުވަހެއްކަމުގައްޔާއި، އެކަލާނގެއަށް ކާފިރުވެ އުރެދުނު މީހުންނަށް ކޯފާއާއި އަޒާބު ދެއްވުމުގެ ދުވަހެއްކަމުގައި ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

ދުންޔަވީ ހަޔާތަކީ ވަގުތީ ހަޔާތެއްކަން ފާހަގަކުރަމުން ހުތުބާގައި ބުނީ، ކޮންމެ އިންސާނަކުވެސް މަރުގެ ރަހަ ދެކޭނެ ކަމަށާއި، އެ ދުވަހަށް ތައްޔާރުވުމަކީ ކޮންމެ އިންސާނަކުވެސް ކޮންމެހެން ކުރަންޖެހޭނެ ކަމެއް ކަމަށެވެ. މާތްﷲ އިންސާނާ ހައްދަވައި ދުނިޔެއަށް ފޮނުއްވެވީ، އިންސާނާ ބޭކާރު ގޮތުގައި ދުންޔަވީ ހަޔާތް ހޭދަކުރުމަށް ނޫންކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

ދުނިޔޭގެ މި އިމްތިހާނަށްވުރެ ބޮޑު އިމްތިހާނެއް ކުރިމަތީގައި އެބައޮތްކަމަށާއި އެއީ އާހިރަތް ދުވަހުގެ އިމްތިހާން ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އާހިރަތުގެ އިމްތިހާނުގައި ދެވަނަ ފުރުސަތެއް ނޯންނާނެކަން ފާހަގަކުރަމުން ހުތުބާގައި ބުނީ އެ އިމްތިހާނާ ހުރިހާ މީހުންވެސް ކުރިމަތިލާން ޖެހޭނެ ކަމަށެވެ. އެ އިމްތިހާނުގައި އެހީތެރިވެދޭނެ އެއްވެސް މީހަކު ނުންނާނެ ކަމަށާއި ކޮންމެ މީހަކުވެސް އުޅޭނީ އެ މީހެއްގެ އަމިއްލަ ނަފުސާ މެދު ކަންބޮޑުވެ ސަލާމަތްނުވެވިގެން ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ.

މިއަދުގެ ހުތުބާގައި ބުނީ، މަރު އައިސް އިންސާނާއާ ބައްދަލުކުރުމުން ލަހެއް ފަހެއް ނެތި އިޖާބަދޭން ޖެހޭނެ ކަމަށާއި މަރުވުމަށްފަހު ގިޔާމަތާ ހަމައަށް އިންސާނާ އޮންނާނީ ކަށްވަޅުގައި ކަމަށެވެ. އަދި ހަމައެހެންމެ، ބިރުވެރިކަމުން ފުރިގެންވާ މަހުޝަރު ދުވަހު، ފަންސާސް ހާސް އަހަރު މަހުޝަރުގެ މައިދާނުގައި ހުއްޓި ހުންނަންޖެހޭނެ ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. އެ ދުވަހުގެ ހުއްޓި ހުރުމަކީ ލުއި ފަސޭހަ ހުއްޓި ހުރުމަކަށް ހެދުމާއި ނުހެދުން އޮތީ އިންސާނާގެ އަތްމަތީގައި ކަން ފާހަގަކުރަމުން ހުތުބާގައި ބުނީ ސާލިހު އަޅުތަކުންނަށް އެ ދުވަހުގެ ހުއްޓި ހުރުން އިހުސާސްކުރެވޭނީ މެންދުރު ނަމާދާއި އަސްރު ނަމާދާ ދެމެދުގެ ވަގުތުކޮޅުގެ ގޮތުގައި ކަމަށެވެ.

ގިޔާމަތް ދުވަހުގެ ބިރުވެރިކަމާއި ނާމާންކަމުގެ ވާހަކަ ކީރިތި ގުރުއާނާއި ކީރިތި ރަސޫލާގެ ސުންނަތުގައި ބަޔާންކޮށްދެއްވައި، އެ ދުވަހާ މެދު އިންޒާރުކުރައްވާފައިވަނީ އެއިން އިންސާނުން އިބުރަތް ހާސިލުކޮށް އެ ދުވަހަށް ތައްޔާރުވުމަށްޓަކައި ކަމަށް ހުތުބާގައި ވަނީ ބުނެފަ އެވެ. މީގެ އިތުރުން ހުތުބާގައި ވަނީ މާތްﷲގެ އަމުރުފުޅުތަކަށް ފުރިހަމައަށް ބޯލަނބާ ބަޔަކަށް އިންސާނުންވުމަށް ނަސޭހަތްތެރިވެފަ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%