ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސަށް ލިބުނު މައުލޫމާތަކާ ގުޅިގެން ރ. ދުވާފަރުގައި ހިންގި މަސްތުވާތަކެތީގެ އޮޕަރޭޝަނެއްގައި ތިން މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ ދުވާފަރު ޕޮލިހާއި ކައުންޓާ ނާކޮޓިކްސް އިންޓެލިޖެންސް ގުޅިގެން އިއްޔެ ހިންގި އޮޕަރޭޝަނުގައި ހައްޔަރުކޮށްފައިވަނީ ރ. މާކުރަތު / ގުލްފާމުގެ، އަބްދުﷲ ހައްސާން (39އ) އާއި ރ. ދުވާފަރު / އުޖާލާއަލި، އަބްދުﷲ ޝާއިފް (25އ) އާއި ރ. ދުވާފަރު / މެހެލި، އިސްމާއިލް މުހައްމަދު (21އ) ކަމަށެވެ.
މި މީހުންގެ ތެރެއިން ދެ މީހަކު ހައްޔަރުކޮށްފައިވަނީ ވެލިދޫއިން ދުވާފަރަށް މަސްތުވާތަކެތި ހިފައިގެން ލޯންޗެއްގައި ގޮސް ދުވާފަރު ފުއްޓަރު ފަރާތުން މޫދަށް ފައިބައި ފަތާފައި ގޮސް ދުވާފަރަށް އަރަން އުޅުނު ވަގުތުގައި ކަމަށް ފުލުހުން ބުންޏެވެ. ފުލުހުން ބުނި ގޮތުގައި، އެތަނުން އެކަކު ފުލުހުން ފެނުމުން ފިލަން މަސައްކަތްކޮށްފައިވާ ކަމަށެވެ. އަނެއް މީހާ ހައްޔަރުކޮށްފައިވަނީ ދުވާފަރު މަގުމަތިން ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލައާ ގުޅިގެން ހައްޔަރުކުރި މީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ އަބްދުﷲ ހައްސާން (39އ) ފަސް ދުވަހަށް އަދި އަނެއް ދެ މީހުން 30 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގުކުރަމުންނެވެ.






