ގަވާއިދާ ހިލާފަށް ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ޕާކުކޮށްފައިހުރި އުޅަނދުތައް ނަގަން ނިންމާފައިވާ ކަމަށް ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އިން ނިންމައިފި އެވެ.
އެޗްޑީސީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގައި އާންމު ރައްޔިތުންނަށް އުނދަގޫވާ ގޮތަށް، ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް ނަގައި، އެ ސަރަހައްދު ސާފުކުރުމުގެ މަސައްކަތް ކުރުމަށް އެ ކޯޕަރޭޝަނުން ނިންމާފައިވާ ކަމަށެވެ.
އެހެންކަމުން ހުޅުމާލޭ އިންޑަސްޓްރިއަލް ޒޯނުގައި ޕާކިން ޒޯނުގެ ބޭރުން ގަވާއިދާ ހިލާފަށް ޕާކުކޮށްފައިވާ އުޅަނދުތައް މި މަހުގެ އަށްވަނަ ދުވަހުގެ 00:00ގެ ކުރިން އެ ސަރަހައްދުން ނެގުމަށް އެ ކޯޕަރޭޝަނުން ވަނީ އެދިފަ އެވެ. މި މުއްދަތުގެ ކުރިން އެ އުޅަނދުތައް އެ ސަރަހައްދުން ނަގާފައި ނުވާނަމަ، ކަމާގުޅުންހުރި އިދާރާތަކާ ގުޅިގެން އެތަކެތި އެ ސަރަހައްދުން ނެގުމުގެ މަސައްކަތް އެ ކޯޕަރޭޝަނުން ކުރާނެ ކަމަށް އެޗްޑީސީން ބުންޏެވެ.
އެ މަސައްކަތުގެ ތެރެއިން އުޅަނދަށް ނުވަތަ އުޅަނދެއްގެ ވެރިފަރާތަށް ލިބިދާނެ އެއްވެސް ގެއްލުމަކަށް އެ ކޯޕަރޭޝަނުން ޒިންމާ ނުވާނެ ކަމަށް އެ އެޗްޑީސީން ވަނީ ބުނެފަ އެވެ.
މިފަދަ ކަންކަމުގައި އާންމު ރައްޔިތުންނާއި ވިޔަފާރިތަކުގެ ފަރާތުން އެ ކޯޕަރޭޝަނަށް ދޭ އެއްބާރުލުމަށް އެޗްޑީސީން ވަނީ ޝުކުރުއަދާކޮށްފަ އެވެ.






