މަސާޖު ޕާލާގެ ގޮތުގައި ހިންގާ 96 ތަނެއް މިހާތަނަށް ބަންދުކޮށްފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
އެމަނިކުފާނު މިކަން ހާމަކުރެއްވީ އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. ރައީސް ވިދާޅުވީ، ހުއްދަ ނަގާފައިވާ ވިޔަފާރީގެ ބަދަލުގައި ފާހިޝް އަމަލުތައް އެ ވިޔަފާރީގެ ނަން ބޭނުން ކޮށްގެން ހިންގަމުންދާ މަސާޖު ޕާލާތައް ބަންދު ކުރުމަށް މި މަހުގެ ނުވަވަނަ ދުވަހު ފެށި އޮޕަރޭޝަނުގެ ދަށުން މިއަދާ ހަމަޔަށް 96 މަސާޖު ޕާލާ ބަންދުކުރެވިފައިވާ ކަމަށެވެ.
މިފަދަ ތަންތަނުގެ ބޭނުން ހިފާ ފަރާތްތައް ތިބޭކަމީ ހިތާމަޔާ އެކީ ގަބޫލުކުރަންޖެހޭ ހަގީގަތެއް ކަމަށް އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
މުޖުތަމައުން ފާހިޝް ކަންތައްތަކާއި މުންކަރާތްތައް މަދުކޮށް މުޖުމަތައުގެ ހާލަތު ބަދަލު ކުރެވޭނީ، އާންމު ރައްޔިތުންނާއި އެންމެހާ ފަރާތްތަކެއްގެ ނިޔަތާއި އަމަލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން، އެންމެންގެ ހިޔާލު އެފަދަ ކަންކަމުގައި އެއްގޮތްވެގެން ކަމަށް ރައީސް ކުރެއްވި ޕޯސްޓުގައި އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ޕޯސްޓުގައި ރައުދު ސޫރަތުގެ 11 ވަނަ އާޔަތް ހިމަނުއްވަމުން އެމަނިކުފާނު ވަނީ ފާހިޝް ކަންކަމާއި އެންމެހާ މުންކަރާތްތަކަށް ނޫނެކޭ ބުނާ ބަޔަކަށް ވުމަށް ރައްޔިތުންނަށް އިލްތިމާސް ކުރައްވައިފަ އެވެ.
އިމިގްރޭޝަންއާ، އިކޮނޮމިކް މިނިސްޓްރީއާ، ހޯމް މިނިސްޓްރީ ގުޅިގެން މި މަހުގެ ނުވަ ވަނަ ދުވަހު ފެށި އޮޕަރޭޝަންގެ ދަށުން ގިނަ އަދަދެއްގެ ހަށިވިއްކުމުގެ ވިޔަފާރިކުރާ ބިދޭސީން ޑީޕޯޓުކޮށްފައިވެ އެވެ. މި އޮޕަރޭޝަނުގެ މައިގަނޑު ބޭނުމަކީ މަސާޖު ޕާލާތަކުގެ ގޮތުގައި ހިންގާ ވިޔަފާރިތައް ހުއްޓުވައި، ބިދޭސީން ކޮންޓްރޯލްކުރާ ގަވާއިދާ ހިލާފު ވިޔަފާރިތައް ބަންދުކުރުމެވެ.






