ސިވިލް ސާވިސްގެ ވަޒީފާއިން ރިޓަޔާ ކުރުމަށްފަހު އަލުން ދައުލަތުގެ ވަޒީފާއެއް އަދާކުރާނަމަ އެމީހަކަށް ދެމުން އައި ރިޓަޔަމެންޓް ޕެންޝަން އެ މުއްދަތުގައި ނުލިބޭ ގޮތަށް ސިވިލް ސާވިސް ގަވާއިދު އިސްލާހު ކޮށްފިއެވެ.
ސިވިލް ސާވިސް ގަވާއިދަށް ގެނައި އިސްލާހުގައި ބުނެފައިވަނީ، ވަޒީފާއިން މުސްކުޅި ކޮށްފައިވާ މުވައްޒަފަކު އަލުން ދައުލަތުގެ މަގާމަކަށް އިންތިހާބުވެއްޖެނަމަ ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާއެއް އަދާކުރާނަމަ އެވަޒީފާގައި ދެމި ހުންނަ މުއްދަތުގައި އެމީހަކަށް މުސްކުޅި ކުރުމުގެ އިނާޔަތެއް ނުލިބޭނެ ކަމަށެވެ. ގަވާއިދުގައިވާ ގޮތުން ކުރިން ލިބެމުން ދިޔަ މުސްކުޅި ކުރުމުގެ އިނާޔަތުގެ ފައިސާ މަހުން މަހަށް ދޫކުރަން ފެށޭނީ، އެ ވަޒީފާއިން ވަކިވާ މަހާ ޖެހިގެން އަންނަ މަހުން ފެށިގެންނެވެ.
ގަވާއިދުގައިވާ ގޮތުން އެ ހާލަތުގައި ހުންނަ މީހަކު ވަޒީފާއިން މުސްކުޅި ކުރުމަށްފަހު، އަލުން އަދާކުރަން ފެށި ދައުލަތުގެ އިންތިހާބީ މަގާމު ނުވަތަ ދައުލަތުގެ ނުވަތަ ސަރުކާރު ހިއްސާވާ ކުންފުންޏެއްގެ ވަޒީފާ އަދާކުރަން ފަށާފައިވާކަން ޕެންޝަން އޮފީހަށް އަންގަންވާނެއެވެ. އެގޮތަށް ނާންގާ ވަޒީފާ އަދާކުރާ މުއްދަތުގައި ރިޓަޔަމެންޓް ޕެންޝަން އެލަވަންސް ލިބިއްޖެނަމަ، އެފައިސާއެއް އަނބުރާ ދައުލަތަށް ދައްކަންޖެހޭނެ އެވެ.
ރިޓަޔާ ކުރުމުން ދިގު މުއްދަތަށް ޕެންޝަން ލިބޭ އިދާރާތަކުގެ ތެރޭގައި ފުލުހުންގެ އިދާރާއާއި، އެމްއެންޑީއެފާއި، ކަސްޓަމްސް އަދި އިމިގްރޭޝަނާއި، ކަރެންޝަންސް ފަދަ އިދާރާތައް ހިމެނެއެވެ. ކުރިން އެފަދަ އިދާރާތަކުން ރިޓަޔާ ކުރުމަށްފަހު އިންތިހާބީ މަގާމުތަކަށް އަންނަ މީހުންނަށްވެސް ޕެންޝަން އެލަވަންސް ދިޔައީ ލިބެމުންނެވެ.
ނަމަވެސް ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކާއެކު ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވަނީ، ބައެއް މަގާމުތަކުގައި ރިޓަޔާޑް ބޭފުޅުން ތިއްބަވާއިރު އެ ބޭފުޅުންނަށް މަގާމުގެ މުސާރައިގެ އިތުރުން ރިޓަޔަމަންޓް އެލަވަންސްވެސް ލިބޭތީ އާންމުންގެ ކަންބޮޑުވުން އެބައޮތް ކަމަށް ވިދާޅުވެފައެވެ. އަދި މިކަމަށް ހައްލެއް ގެނައުމަށް ސިފައިންނާއި ފުލުހުންގެ އިތުރުން ސިވިލް ސާވިސްގެ ގަވާއިދުތައް ބަދަލުކުރައްވާނެ ކަމަށްވެސް ވަނީ ވިދާޅުވެފައެވެ.
އެއާއެކު ދާދިފަހުން ވަނީ، ވަޒީފާއިން ރިޓަޔާ ކުރުމަށްފަހު އެހެން މަގާމަކަށް އައްޔަން ކުރާ ނުވަތަ އިންތިހާބުވާ މީހުންނަށް ފުލުހުންގެ ރިޓަޔަމަންޓް އެލަވަންސް ނުލިބޭ ގޮތަށް އުސޫލު ވަނީ ބަދަލުކޮށްފައެވެ.






