ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވައި، ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 15 ދުވަސް ކުރިން - 30 ޑިސެންބަރު 2025 19:05
ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވުމާއެކު އެ ރިސޯޓަށް އެންމެ ފުރުތަމަ ދިޔަ ފަތުރުވެރިޔާ--- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ޝަންގްރިއްލާ ރިސޯޓް އަލުން ހުޅުވުމާއެކު އެ ރިސޯޓަށް އެންމެ ފުރުތަމަ ދިޔަ ފަތުރުވެރިޔާ--- ފޮޓޯ: ޓޫރިޒަމް މިނިސްޓްރީ
ޚުލާސާ

ޝަންގްރިއްލާ ރިސޯޓުގެ ހިދުމަތްތައް އަލުން ފަށާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގައި

އައްޑޫ ސިޓީ ވިލިނގިލީގައި ހިންގަމުން އަންނަ ޝަންގްރިއްލާ ވިލިނގިލި ފަސް އަހަރު ދުވަހުގެ މެދުކެނޑުމަކަށްފަހު ރިސޯޓް އަލުން ހުޅުވައި، އެ ރިސޯޓަށް އައި ފުރަތަމަ ފަތުރުވެރިޔާއަށް މަރުހަބާ ކިޔައިފި އެވެ.

ރާއްޖޭގެ އެންމެ ދެކުނުން އައްޑޫ ސިޓީގައި އެންމެ މަތީ ފަންތީގެ ހިދުމަތް ދެމުން އައި މި ރިސޯޓުގެ ހިދުމަތްތައް އަލުން ފަށާފައިވަނީ މިއަދު މެންދުރުފަހުގެ ވަގުތެއްގަ އެވެ. ކޮވިޑް-19ގެ ބަލިމަޑުކަމާ ގުޅިގެން 2020 ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައި ބަންދުކުރި މި ރިސޯޓު އެއްކޮށް ހުއްޓާލިކަން އެ އަހަރުގެ އޮގަސްޓު މަހު އިއުލާންކުރުމާ ގުޅިގެން 500 އަށްވުރެ ގިނަ މުވައްޒަފުންގެ ވަޒީފާ ގެއްލިގެން ދިޔަ އެވެ.

ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވުމަކީ ރައީސް ޑރ. މުއިއްޒުގެ ރިޔާސީ ވައުދުފުޅެކަށްވާއިރު، މިއީ އައްޑޫ ރައްޔިތުންގެ ވަރަށް ބޮޑު އިންތިޒާރަކަށް ލިބުނު ނިމުމެކެވެ. ސަރުކާރުން މި ރިސޯޓު ހުޅުވުމަށްޓަކައި ކުންފުނީގެ މެނޭޖްމަންޓާއެކު ގިނަ މަޝްވަރާތަކެއް ކޮށް، ހުރި ގޮންޖެހުންތައް ނައްތާލުމަށް ބޮޑެތި މަސައްކަތްތަކެއް ވަނި ކޮށްފަ އެވެ. އެގޮތުން ޓޫރިޒަމް މިނިސްޓްރީން ރިސޯޓަށް ޒިޔާރަތްކޮށް، ކުރަންޖެހޭ މަރާމާތުތައް ދެނެގަނެ، ގަވާއިދުގެ ތެރެއިން ބޭނުންވާ ހުއްދަތައް ދިނުމުގައި ސަރުކާރުން ވަނީ ފުރިހަމަ އެއްބާރުލުން ދީފަ އެވެ.

ރިސޯޓު ހުޅުވުމުގެ ތައްޔާރީތަކުގެ ތެރެއިން ނޮވެމްބަރު މަހުގެ ކުރީކޮޅުން ފެށިގެން މުވައްޒަފުން ނެގުމުގެ މަސައްކަތް ވަނީ ކުރިއަށް ގެންގޮސްފަ އެވެ. އަދި މި މަސައްކަތްތައް ކުރިއަށްދާ ގޮތް ބައްލަވާލެއްވުމަށް ރައީސް ޑރ. މުއިއްޒު މިދިޔަ ނޮވެމްބަރު މަހު ވަނީ އެ ރިސޯޓަށް ޒިޔާރަތް ކުރައްވައިފަ އެވެ.

ޝަންގްރިއްލާ ރިސޯޓު އަލުން ހުޅުވިގެނ ދިއުމަކީ އައްޑޫ ސިޓީގެ އިގްތިސާދަށް ލިބިގެންދާނެ ބޮޑު ކުރިއެރުމެކެވެ. މިކަމުގެ ސަބަބުން އައްޑޫގެ ގިނަ ރައްޔިތުންނަށް ވަޒީފާގެ އާ ފުރުސަތުތައް ހުޅުވި، ސަރަހައްދުގެ ފަތުރުވެރިކަމަށް އާ ދިރުމެއް ލިބިގެންދާނެ އެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%