މަސްތުވާތަކެތީގެ މައްސަލަތަކެއްގައި ށ. އަތޮޅުން ދެ މީހަކު ހައްޔަރުުކޮށްފި އެވެ.
ފުލުހުން ބުނީ މި ދެމީހުންގެ ތެރެއިން އެކަކު ހައްޔަރުކޮށްފައިވަނީ ށ. އަތޮޅު ރިސޯޓެއްގައި މަސްތުވާތަކެތި ގެންގުޅެ، ބޭނުންކޮށް އަދި މަސްތުވާތަކެތީގެ ވިޔަފާރިކުރާ ކަމަށް ލިބުނު މައުލޫމާތަކާ ގުޅިގެން ހިންގި އޮޕަރޭޝަނެއްގަ އެވެެ. މި ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު ހިންގި އެ އޮޕަރޭޝަންގައި ނ. މާފަރު / ކެނދިވަރު، އަހްމަދު ޝިހާމް (40އ) ހައްޔަރުކޮށް ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ދެ ރަބަރު ޕެކެޓު ފެނިފައިވާ ކަމަށެވެ.
ފުލުހުން ބުނީ މި މަހުގެ 29 ވަނަ ދުވަހު ފުނަދޫ މަގުމަތިން ށ. ފުނަދޫ / އެންދެރިމާގެ، މުހައްމަދު ބަޝީރު (27އ) ހައްޔަރުކޮށްފައިވާ ކަމަށެވެ. އޭނާ ސައިކަލު ދުއްވަމުން މޯބައިލް ފޯނު ބޭނުންކުރަމުން ދަނިކޮށް ފެނިގެން ސައިކަލު މަޑުކުރަން ތަކުރާރުކޮށް ފުލުހުން އެންގުމުން ވެސް މަޑު ނުކޮށް ބާރު ސްޕީޑުގައި ސައިކަލު ދުއްވަމުން ދަނިކޮށް އޭނާގެ އަތުގައި އޮފް މޯބައިލް ފޯނު ވެއްޓިފައިވާ ކަމަށާއި، އެ ފޯނާއި ފޯނު ވެއްޓުނު ސަރަހައްދު ބަލައިފާސްކުރިއިރު މަސްތުވާތަކެތި ކަމަށް ބެލެވޭ އެއްޗެއްހުރި ހަތް ސެލޯފިންކޮޅު ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ.
މި ދެ މައްސަލައާ ގުޅިގެން ހައްޔަރުކުރި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ ދެމީހުން ވެސް 10 ދުވަހަށް ބަންދުކުރުމަށް އަމުރުކޮށްފަ އެވެ.
ފުލުހުން ގެންދަނީ މި ދެ މައްސަލަ ވެސް އިތުރަށް ތަހުގީގުކުރަމުންނެވެ.









