މީޑިއާ ގްރާންޓަށް ޝަރުތު ހަމަވީ 41 މީޑިއާ

މުޙައްމަދު ޖިނާން ހުސައިން ޖަބީން | 26 ދުވަސް ކުރިން - 30 ޑިސެންބަރު 2025 19:01
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަންބޯޑު--- ފޮޓޯ: އެޑިޝަން އެމްވީ
މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުގެ ނަންބޯޑު--- ފޮޓޯ: އެޑިޝަން އެމްވީ
ޚުލާސާ

މި އަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓުން 27.9 މިލިއަން ރުފިޔާ މީޑިއާތަކަށް ދިނުމަށް ވަނީ ކަނޑައަޅައިފަ

މީޑިއާ ގްރާންޓަށް ޝަރުތުހަމަވީ 41 މީޑިއާއަކަށް ކަމަށް މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ހާމަކޮށްފި އެވެ.

މީޑިއާ ކޮމިޝަނުން ނެރެފައިވާ ނޫސްބަޔާނެއްގައި ހާމަކޮށްފައިވާ ގޮތުގައި، މީޑިއާތަކަށް ދޫކުރާ އެހީއަށް އެދުމުގެ ފުރުސަތު ހުޅުވައިލުމުން 57 މީޑިއާއަކުން ވަނީ ޕޯޓަލްގައި ޕްރޮފައިލް ކްރިއޭޓު ކޮށްފައި ކަމަށެވެ. އެހެން ނަމަވެސް އޭގެ ތެރެއިން ޝަރުތު ހަމަވީ 41 މީޑިއާއެއް ކަމަށް މީޑިއާ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މީޑިއާ ކޮމިޝަނުން ބުނީ މި ފުރުސަތަކީ ނިމިދިޔަ 2024 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ ފުރުތަމަ ދުވަހުގެ ކުރިން ރަޖިސްޓްރީކޮށް ލައިސަންސް ލިބި މެދުކެނޑުމެއް ނެތި ހިންގަމުންދާ އަމިއްލަ މީޑިއާތަކަށް ހާއްސަކޮށް ހުޅުވާލި ފުރުސަތެއް ކަމަށެވެ. އަދި ހަމައެހެންމެ މާލީ އެހީތެރިކަމަށް އެދި އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކަށް ލިބޭ މާކްސް ޕޯޓަލުގެ ތެރެއިން އާންމުކޮށް ފެންނަން ހުންނާނެ ކަމަށްވެސް މީޑިއާ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މި އަހަރަށް ކަނޑައެޅި ދައުލަތުގެ ބަޖެޓުން 27.9 މިލިއަން ރުފިޔާ މީޑިއާތަކަށް ދިނުމަށް ވަނީ ކަނޑައަޅައިފަ އެވެ. އެއީ ބަޖެޓުގެ އަންދާޒާ ކުރެވޭ އާމްދަނީގެ 0.1 އިންސައްތަ ކަމަށް މީޑިއާ ކޮމިޝަނުން ވަނީ ބުނެފަ އެވެ.

މީޑިއާތަކަށް ދޫކުރާ އެހީއަށް އެދި ހުށަހެޅުމުގެ ސުންގަޑި ހަމަވީއިރު ޝަކުވާއަށް ހުޅުވާލުމުން އެ ކޮމިޝަނަށް އަށް ޝަކުވާއެއް ލިބިފައިވާ ކަމަށާއި، އެކަމާ ގުޅޭ ރިވިއު ކޮމިޓީން ބަލައި ދިރާސާކުރުމަށް ފަހު، އޭގެ ތެރެއިން ތިން ފަރާތެއްގެ ޝަކުވާ މިހާތަނަށް ބަލައިގަނެފައިވާ ކަމަށް މީޑިއާ ކޮމިޝަނުން ވަނީ ހާމަކޮށްފަ އެވެ.

މީޑިއާ ކޮމިޝަނުން ބުނީ، މާލީ އެހީތެރިކަން ދިނުމުގެ އުސޫލުގެ ދަށުން މާކްސް ދިނުމުގައި ބަލާފައިވާނީ މީޑިއާގެ މުއްދަތާއި، މުވައްޒަފުންގެ އަދަދަށާއި މީޑިއާ ނުވަތަ މީޑިއާ ހައުސްގެ ކުރިއެރުމަށް ހުށަހަޅާ ކަންކަން ނުވަތަ ބިޒްނަސް ޕްރޮފައިލާއި ކޮންޓެންޓުގެ ބާވަތާއި މުވައްޒަފުންގެ ތައުލީމީ ފެންވަރާއި ތަޖުރިބާ އަދި އިދާރީ އިންތިޒާމުތަކަށް ކަމަށެވެ.

މީޑިއާ ކޮމިޝަނުން އިތުރަށް ބުނީ މީޑިއާތަކަށް މާލީ އެހީ ދޫކުރާނީ ޔޫތު މިނިސްޓްރީ އާއި އެ ކޮމިޝަނާ ދެމެދުވެފައިވާ އެއްބަސްވުމުގައިވާ ގޮތަށް އެޕްލިކޭޝަން ހުށަހެޅި މީޑިއާތަކުގެ މައުލޫމާތު ޔޫތު މިނިސްޓްރީއާ ހިއްސާކުރުމުން، އެ މިނިސްޓްރީން ފިނޭންސް މިނިސްޓްރީ އަށް ފޮނުވައިގެން ކަމަށެވެ. އަދި ޝަރުތު ހަމަވާ ކޮންމެ މީޑިއާއަކަށް ޖުމްލަ ލިބޭ އަދަދު، އެއް ޕޭމަންޓެއްގެ ގޮތުގައި ލިބޭނެ ކަމަށްވެސް އެ ކޮމިޝަނުން ވަނީ ބުނެފަ އެވެެ.

މިއީ ދައުލަތުގެ ބަޖެޓުން މީޑިއާތަކަށް މާލީ އެހީތެރިކަން ފޯރުކޮށްދޭ ފުރުތަމަ ފަހަރެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%