ގްރޫޕްތައް ހަދައި އެކި ނަންނަމުގައި “ހިސާބު” ތަކޭ ކިޔައި ބޮޑެތި ކުށްތަކާއި ޖަރީމާތައް ހިންގާތީބެ އެ މައްސަލަ ބޮޑުވެގެން ފުލުހުން ކުރަމުންދާ މަސައްކަތުގެ ތެރެއިން ގޭންގު ކަނޑައެޅުމުގެ މައްސަލައެއް ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ހުށަހަޅާފައިވާ ކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.
ޤާނޫނުގައި ގޭންގެއް ކަނޑައެޅުމުގެ މަރުހަލާތަކެއް ވެއެވެ. އެގޮތުން، ކޮމިޝަނަރ އޮފް ޕޮލިސް އެންޑޯސް ކުރައްވައި ޕްރޮސެކިއުޓަރ ޖެނެރަލް އޮފީހަށް ގޭންގު ކަނޑައެޅުމަށް ހުށަހަޅުއްވަން ޖެހެއެވެ. އެއަށްފަހު ދެން އެ އޮފީހުން ކޯޓަށް ހުށަހަޅާނީއެވެ. ގޭންގެއްތޯ ނުވަތަ ނޫންތޯ ކަނޑައަޅާނީ ހައިކޯޓުންނެވެ.
ގޭންގުތަކުން އަބަދުވެސް ގުޅިގެން ރޭވިގެން ކުށްތައް ކުރާ ކަމަށް ފުލުހުން އެތައް ފަހަރަކު މީޑިއާ އަށް މަޢުލޫމާތު ދީފައި ވެއެވެ. ޚާއްޞަކޮށް ޖިނާޢީ ބޮޑެތި ކުށްތަކެވެ.
ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ފުލުހުން ވިދާޅުވީ، މިދިޔަ އޮގަސްޓް މަހު އަމަލު ކުރަން ފެށި ގޭންގުތަކުން ހިންގާ ކުށްތަކާއި، އެނޫންވެސް ނުރައްކާތެރި ކުށްތައް ހުއްޓުވުމުގެ ޤާނޫނުގެ ދަށުން މިހާތަނަށް 6 ތަނެއް ބަލައި ފާސްކޮށް، 7 މައްސަލައެއްގައި 11 މީހުން ހައްޔަރުކުރި ކަމަށެވެ. މީގެ ތެރޭގައި ހައްޔަރުގައި 2 މީހުން އެބަތިބި ކަމަށް ފުލުހުން ވިދާޅުވިއެވެ.









