އާ އަހަރާ ދިމާކޮށް ފުލުހުން މާލޭގައި ސަރަހައްދުގައި ކުރިއަށްގެންދާ އޮޕަރޭޝަން "ރިވެލި"ގެ ތެރެއިން މިހާތަަނަށް 3،986 މީހަކު ހުއްޓުވައި ސުވާލުކޮށް، 29 މީހަކު ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިކަން ހާމަކުރީ އެކްސްގައި ހިއްސާކުރި ޕޯސްޓެއްގަ އެވެ. ފުލުހުން ހާމަކޮށްފައިވާ ގޮތުގައި، މި އޮޕަރޭޝަނުގެ ތެރެއިން މި މަހުގެ 24 ވަނަ ދުވަހުން ފެށިގެން 28 ވަނަ ދުވަހަށް، މާލެއިން 1،693 މީހުން ހުއްޓުވައި ސުވާލުކޮށް 26 މީހަކު ވަނީ ހައްޔަރުކޮށްފަ އެވެ. މީގެ އިތުރުން ހުޅުމާލެއިން 2،293 މީހުން ހުއްޓުވައި ސުވާލުކޮށް، ތިން މީހުން ހައްޔަރުކޮށްފައިވާ ކަމަށް ފުލުހުން ވަނީ ހާމަކޮށްފަ އެވެ.
އޮޕަރޭޝަން ރިވެލިގެ ދަށުން މާލެއިން ޖުމްލަ 6،491 ސަރަހައްދެއް ބަލައިފާސްކޮށް 1،954 އުޅަނދެއް ފުލުހުން ވަނީ ބަލައިފާސްކޮށްފަ އެވެ. އަދި ހުޅުމާލެއިން ޖުމްލަ 1،879 އުޅަނދެއް ވަނީ ބަލައިފާސްކޮށްފަ އެވެ. ޓްރެފިކް ގަވާއިދުތަކާ ހިލާފުވުމުން މާލެއިން 397 މީހުން ޖޫރިމަނާކޮށްފައިވާއިރު ހުޅުމާލެއިން 28 މީހަކު ވަނީ ޖޫރިމަނާކޮށްފަ އެވެ.
އޮޕަރޭޝަން ރިވެލިއަކީ އާންމުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރުކުރުމަށްޓަކައި ކޮންމެ އަހަރެއްގެވެސް ޗުއްޓީގައި ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަނެކެވެ. މި އަހަރު މި އޮޕަރޭޝަން ފަށާފައިވަނީ މި މަހުގެ 24 ވަނަ ދުވަހު އެވެ. އަންނަ މަހުގެ ދެވަނަ ދުވަހާ ހަމައަށް މި އޮޕަރޭޝަން ކުރިއަށް ގެންދިއުމަށް ވަނީ ހަމަޖެހިފަ އެވެ.









