ކަރުހިއްކައިގެންފައިވާ މީހަކު، އަވާމެންދުރެއްގެ ފަހަތުން ދުވާހެން ދުނިޔޭގެ އަހުލުވެރިން މުދަލާއި ފައިސާގެ ފަހަތުން ދުވަނީއެވެ. އެއުރެން ހީކުރަނީ މުދަލާއި ފައިސާއިން ހުރިހައި ކަމެއް ފުދޭނެކަމަށެވެ. ދުނިޔޭގެ ޒީނަތްތެރިކަން ހާސިލުވެއްޖެނަމަ، ބާއްޖަވެރިކަމާއި އުފާވެރިކަމުގެ ކުރިބޯށްޓަށް ވާސިލުވެވުނީކަމަށެވެ. މަޝްހޫރުކަން ލިބި ނަންވިދައިލާފިނަމަ، މީސްތަކުންގެ ކުރިމަތީގައި ގަދަރުއުފުލި ޝަރަފުވެރިއަކަށް ވެވުނީ ކަމަށެވެ. މި ގޮތަށް ވިސްނާ މީހުން، ހަނދާންނައްތައިލާ ވަރަށް ބޮޑު ހަގީގަތެއްވެއެވެ. އެއީ، ހިތުގެ އަލާކެނޑޭނީ އެންމެ ފެންކޯރަކުން ކަމެވެ. އެ ފެންކޯރަކީ، އީމާން ކަމުގެ ފެންކޯރެވެ.
މި ފެންކޯރުން އިންސާނަކު މަޙުރޫމުވުމުން، ލިބޭ އަދަބަކީ، ފައިސާ ނެތުމެއް ނޫނެވެ. އަދިކިއެއްތަ؟ ހިތާއި ނަފުސުގެ ހަމަޖެހުން ގެއްލުމެވެ. ފަގީރުވަނީއެއް ނޫނެވެ. ހިތްދަތިކަމާއި ބޭޤަރާރުކަމުގެ ޝިކާރައަކަށް ވަނީއެވެ.
ބޭރުފުށަށް ބަލާއިރު އެބައިމީހުންނަށް ހުރިހައި އެއްޗެއް ލިބިފައިވެއެވެ. "ހިތްހަމަޖެހުން" ފިޔަވައެވެ. އެމީހުން މުދާ އެއްކޮށް ޖަމާކުރެއެވެ. ނަމަވެސް، އުފާވެރިކަމުގެ އިހުސާސެއް ހިތަކަށް ނުކުރެވެއެވެ.
އެމީހުންގެ އަރާމުކުރުމުގެ ވަސީލަތްތައް އިތުރުވި ވަރަކަށް ބަދުނަސީބުކަން އިތުރުވެއެވެ. އެހެނީ ހިތްތަކަށް الله ހަނދުމަނުވާނަމަ، ނުވަތަ އެކަލާނގެ ޒާތުފުޅުގެ މަތިން ޣާފިލުވެއްޖެނަމަ، ނިޢުމަތްތައް ޚުދު ލަޢުނަތަކަށް ބަދަލުވެގެންދެއެވެ. މުދާތައް އުފާވެރި ނިޢުމަތަކަށްވުމުގެ ބަދަލުގައި ވޭނަކަށް ނުވަތަ މުސީބަތަކަށް ވެގެންދެއެވެ.
މާތްالله ވަޙީކުރެއްވިއެވެ.
﴿ وَمَنْ أَعْرَضَ عَن ذِكْرِي فَإِنَّ لَهُ مَعِيشَةً ضَنكًا.. [ طه: 124]
މާނައީ: "އަދި ތިމަން الله ހަނދުމަކުރުމުން މޫނުއަނބުރާލައިފި މީހާ (ދަންނާށެވެ!) ފަހެ، ހަމަކަށަވަރުން، އެމީހަކަށްއޮތީ، ދަތި ދިރިއުޅުމެކެވެ."
ދަތިކަމުގެ މާނައަކީ، އަތްމަތި ހުސްވެ ފަގީރުވުމެއް ނޫނެވެ. އޭގެ މާނައަކީ، ނަފްސާއި ރޫޙު ފަގީރުވެ ނިކަމެތިވުމެވެ. ހިތުގެ އާރޯކަމާއި ތާޒާކަން ނެތިދިއުމެވެ. އޭގެ ސަބަބެއް ނޭނގޭ ހާސްކަން ތިމާ ވަށައިލުމެވެ.
ބާއްޖަވެރިކަމަކީ، ގަނެވޭ އެއްޗެއް ނޫނެވެ. އަދި އެކައުންޓު ގައި ހުރި ކުރެޑިޓް ފައިސާ ނެގޭހެން ނެގޭ އެއްޗެއް ވެސް ނޫނެނެވެ. އެހެނެއްކަމަކު އެއީ މި ޙަޔާތާއި އާޚިރަތާ ދެމެދު ވަޒަން ހަމަކުރުމުން ހާސިލުވާ އެއްޗެކެވެ. ބާއްޖަވެރިކަން ޙާސިލުވާނެގޮތް ބަޔާންކުރައްވަމުން މާތް الله ވަޙީކުރައްވާފައިވެއެވެ. وَابْتَغِ فِيمَا آتَاكَ اللَّهُ الدَّارَ الْآخِرَةَ ۖ وَلَا تَنسَ نَصِيبَكَ مِنَ الدُّنْيَا ۖ وَأَحْسِن كَمَا أَحْسَنَ اللَّهُ إِلَيْكَ.. (سورة القصص آية 77) މާނައީ:"އަދި ތިބާޔަށް ﷲ ދެއްވި ތަކެތިން (ހެޔޮގޮތުގައި ހޭދަކުރުމުން) އާޚިރަތުގެ ގޮވައްޗަށް އެދޭށެވެ! (އެބަހީ: އާޚިރަތުގެ ދިންނެވުމާއި، ރަޙްމަތާއި، ޘަވާބަށް އެދޭށެވެ!) އަދި ދުނިޔެއިން ތިބާޔަށް ލިބެންވީބައި ހަނދާން ނައްތައިނުލާށެވެ! އަދި ﷲ، ތިބާޔަށް އިޙްސާންތެރިވެވޮޑިގަތް ފަދައިން، ތިބާވެސް (اللهގެ އަޅުތަކުންނަށް) އިޙްސާންތެރިވާށެވެ!" ..
ބާއްޖަވެރިކަމަކީ، ހަސަދަވެރިކަމުން ހިތްތައް ޠާހިރުކުރުމުން ލިބޭ އެއްޗެކެވެ. ހިތްހަމަޖެހުމަކީ، މާތްالله ފުދުންތެރިކުރެއްވި އަޅުންނަށް ދެއްވާ ކަމެކެވެ.
އާޚިރަތަށް ޓަކައި ކުރާ މަސައްކަތުން ދުނިޔެއާއި އާޚިރަތް ލިބެއެވެ. އެއީ ދުނިޔެ އޭގެ އަސްލު ސިފާގައި ދެކެ ދެނެގަތުމަށް ލިބޭ ނޫރެއް ވެސް މެެެއެވެ.
(ޑރ. މުޞްޠަފާ މަޙްމޫދު / ތަރުޖަމާ: މުޙައްމަދު ޤުބާދު)






