ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި 2 މީހަކު ހައްޔަރުކޮށްފި

މުހައްމަދު ޖަމްޝަތު | 27 ދުވަސް ކުރިން - 28 ޑިސެންބަރު 2025 19:09
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި 2 މީހުން----
ޗޮކްލެޓް ސިރަޕް ފުޅިތަކެއްގައި މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލާގައި ހައްޔަރުކުރި 2 މީހުން----
ޚުލާސާ

އަތުލައިގަތް މަސްތުވާތަކެތި 40 ކިލޯއަށްވުރެ ބަރުވާނެ ކަމަށް ކަސްޓަމްސް އިން ބުނި

ޗޮކްލެޓް ސިރަޕް ފުޅިތަކެއްގެ ތެރެއަށް އަޅައިގެން ރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަން އުޅުނު މައްސަލައިގައި 2 މީހަކު ހައްޔަރުކޮށްފިއެވެ.

ކަނޑުމަގުން ރާއްޖެއަށް ގެނައި މުދާ ތަކެއް ކަސްޓަމްސް އިން ބަަލައި ފާސްކުރަނިކޮށް ހަޝިޝް އޮއިލް އަޅާފައިހުރި ޗޮކްލެޓް ސިރަޕް ފުޅިތަކެއް ވަނީ ފެނިފައެވެ. މި ތަކެތި ކަސްޓަމްސް އިން އަތުލައިގަތީ މިދިޔަ ބުރާސްފަތިދުވަހު އެވެ.

ކަސްޓަމްސް އިން ބުނެފައިވާ ގޮތުގައި އެ ތަކެތީގެ ބަރުދަން 40 ކިލޯ އަށް ވުރެ މަތިވާނެ އެވެ. އޭގެ މަގުމަތީގެ އަގު ވެސް 30 މިލިއަނަށް ވުރެ އިތުރު ކަމަށް ކަސްޓަމްސް އިން ބުނެފައިވެ އެވެ. އެ ފުޅިތައް ރާއްޖެ އެތެރެކުރަން މަސައްކަތް ކުރީ 10 ފޮށިގަނޑެއްގައި ބަންދުކޮށްގެންނެވެ.

ފުލުހުން ބުނީ އެ މައްސަލައާ ގުޅިގެން ދެ މީހަކު ހައްޔަރުކޮށްފައިވާކަމަށެވެ. ހައްޔަރުކޮށްފައިވަނީ ހއ. ހޯރަފުށި އުމުރުން 47 އަހަރުގެ އަހުމަދު އަލީ އާއި ގދ.ތިނަދޫ، ގޯލްޑަން ހައުސް އުމުރުން 57 އަހަރުގެ މުހައްމަދު އާދިލްްއެވެ.

މި ދެމީހުންގެ ތެރެއިން އަހުމަދު އަލީ ހައްޔަރުކޮށްފައިވަނީ މިމަހުގެ 26 ވަނަ ދުވަހުގައެވެ. އަދި މުހައްމަދު އާދިލް ހައްޔަރުކޮށްފައިވަނީ އިއްޔެއެވެ. އާދިލް ހައްޔަރުކުރަން ކޯޓުން ނެރުނު އަމުރުގައިވާ ގޮތުން އެ މަސްތުވާތަކެތި އެތެރެކުރީ އޭނާގެ ކުންފުންޏެއް ކަމަށްވާ ރާސް މޯލްޑިވްސްގެ ނަމުގައި ރާއްޖެ ގެނައި މުދާތަކެއްގެ ތެރޭގަ އެވެ. މަސްތުވާތަކެތި އަޅާފައިހުއްޓާ ކަސްޓަމްސް އިން އަތުލައިގަތް ސިރަޕް ޝިޕްމަންޓް---ފޮޓޯ: ޕޮލިސް

މި މައްސަލާގައި ދެން ހިމެނޭ އަހުމަދު އަލީއަކީ އެ މުދާ ކްލިއާ ކުރުމަށް ކުންފުނީގެ ފަރާތުން ދާނެ ކަމަށް ކަސްޓަމްސްގެ ސީކާގޯ އެގްޒަމިނޭޝަނަށް އަންގާފައިވާ މީހާ އެވެ. އެކަން ރާސް މޯލްޑިވްސް އިން އަންގާފައި ވަނީ ކަސްޓަމްސް އަށް ފޮނުވި އީމެއިލަކުންނެވެ.

އެދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން 5 ދުވަހުގެ ބަންދުގެ މުއްދަތެއް ދީފައިވާކަމަށް ފުލުހުން ބުންޏެވެ. އަދި މިމައްސަލަ ޑްރަގް އެންފޯސްމަންޓުން ތަހުގީގުކުރަމުންދާކަމަށްވެސް ބުންޏެވެ.

TelegramTwitterYoutubeTiktokViberFacebookInstagram

0 ރިއެކްޝަންސް / 0 ކޮމެންޓް

0%
0%
0%
0%
0%