އާ އަހަރާ ދިމާކޮށް ފުލުހުން ކުރިއަށް ގެންދާ އޮޕަރޭޝަން ރިވެލިގެ ތެރެއިން ފުލުހުން ކުރަމުންދާ މަސައްކަތުގައި ހުޅުމާލޭގައި ގަވާއިދާ ހިލާފަށް ސިނގިރޭޓުގެ ވިޔަފާރިކުރަމުންދިޔަ ބިދޭސީއަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ، މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްއަށް ނިސްބަތްވާ ރައްޔިތެއް ކަމަށްވާ ޝުކޫރު އަލީ (44އ) ކަމަށެވެ. އޭނާ ހައްޔަރުކޮށްފައިވަނީ މި މަހުގެ 26 ވަނަ ދުވަހުގެ ރޭ ހުޅުމާލޭގައި ބަނގުރަލާއި މަސްތުވާތަކެތި އަދި ގަވާއިދާ ހިލާފަށް އުޅެމުންދާ ބިދޭސީންނާއި އެ މީހުން ކުރަމުންދާ ގަވާއިދާ ހިލާފު ވިޔަފާރިތަކަށް އަމާޒުކޮށްގެން ހިންގި އޮޕަރޭޝަނުގައި ކަމަށް ފުލުހުން ބުންޏެވެ.
މި އޮޕަރޭޝަނުގައި އޭނާ ހައްޔަރުކޮށް ބަލައިފާސްކުރިއިރު އޭނާގެ އަތުން 10 ސިނގިރޭޓް ފޮއްޓާއި 3،200 އަށްވުރެ ގިނަ ޔޫއެސް ޑޮލަރާއި 2،900 އަށްވުރެ ގިނަ ދިވެހި ރުފިޔާ ފެނިފައިވާ ކަމަށް ފުލުހުން ވަނީ ބުނެފަ އެވެ. މީގެ އިތުރުން އޭނާ އުޅެމުންދާ ތަން ބަލައިފާސްކުރިއިރު 32 ކާޓޫން ސިނގިރޭޓާއި 13 ފޮށި ސިނގިރޭޓް ފެނިފައިވާ ކަމަށްވެސް ފުލުހުން ވަނީ ބުނެފަ އެވެ.
މި މައްސަލާގައި ހައްޔަރުކޮށްފައިވާ ޝުކޫރު އަލީގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ކޯޓުން ވަނީ 15 ދުވަހުގެ މުއްދަތަށް އޭނާ ބަންދުގައި ބެހެއްޓުމަށް އަމުރުކޮށްފައެވެ.
ފުލުހުން ގެންދަނީ މި މައްސަލަ އިތުރަށް ތަހުގީގު ކުރަމުންނެވެ.









