ވައްކަމެއްގެ ތުހުމަތު ކުރެވުނު މީހަކަށް އަނިޔާކޮށް މޫދަށް އެއްލާލި މައްސަލައާ ގުޅިގެން ކޯޓު އަމުރެއްގެ ދަށުން ދެ މީހަކު ހައްޔަރުކޮށްފި އެވެ.
ފުލުހުން ބުނީ މި މައްސަލައިގައި ހައްޔަރުކޮށްފައިވަނީ ބ. ހިތާދޫ / އަންދަލީބުގެ، އަހުމަދު ޝަރީފް (50އ) އާއި ލ. އިސްދޫ / ބްލޫކިޔާގެ، އަހުމަދު ހާތިމް (49އ) ކަމަށެވެ. މި ދެމީހުންވެސް ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން އިއްޔެ ވަގުތެއްގައިކަމަށް ފުލުހުން ބުނެ އެވެ.
މި ދެމީހުންގެ ބަންދާމެދު ގޮތެއް ނިންމުމަށް ކޯޓަށް ހާޒިރުކުރުމުން ވަނީ 15 ދުވަހުގެ މުއްދަތެއް ވަނީ ޖަހާފަ އެވެ.
މިއީ މާލޭގެ ބާޒާރު މަތީގައި މިދިޔަ ހަފްތާ ތެރޭގައި ހިނގި ކަމެކެވެ. ސޯޝަލް މީޑިއާގައި އާންމުވި ވީޑިއޯއިން ފެންނަ ގޮތުގައި ވައްކަމެއް ކުރި ކަމަށް ތުހުމަތުކޮށް މީހަކު ބިންމައްޗަށް ވައްޓާލައިގެން ބަޔަކު އޭނާއަށް އަނިޔާކޮށް ހަދައެވެ. އަދި އެ މީހާގެ އަތަށް ފައިން އަރައި ފިއްތާލާ ފަހުން ބިންމަތީގައި ދަމައިފައި ގެންގޮސް މޫދަށް އެއްލާލާ މަންޒަރުވެސް ފެނެއެވެ.
މި މައްސަލައާ ގުޅިގެން ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރުސީއެމް) އިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ އަމިއްލައަށް އިންސާފު ގާއިމު ކުރަން އުޅުމަކީ ގާނޫނުގެ ބާރު ކެނޑިދާނެ ކަމެއް ކަމަށެވެ.
އެ ބަޔާނުގައި އެޗްއާރްސީއެމްއިން ވަނީ ވައްކަން ކުރި ކަމަށް ތުހުމަތު ކުރެވޭ މީހަކަށް ޖިސްމާނީ ގޮތުންނާއި ނަފްސާނީ ގޮތުން އަނިޔާކުރުން ފަދަ ލާއިންސާނީ އަމަލުތައް ފެންނަ ވީޑިއޯ އާންމު ނުކުރުމަށް އިލްތިމާސް ކޮށްފަ އެވެ. އަދި އެފަދަ އަމަލުތަކަށް ހިތްވަރު ލިބޭޒާތުގެ ކަންކަމާއި އެފަދަ ދަށުދަރަޖައިގެ އަމަލުތައް ނުހިންގުމަށް ވެސް އިލްތިމާސް ކޮށްފައިވެ އެވެ.
އެޗްއާރުސީއެމުން ބުނީ ޝަރުއީ ހަމަތަކުގެ މަތިން ކުށް ސާބިތު ނުވާހާ ހިނދަކު ކޮންމެ މީހަކީ ކުށެއް ނެތް މީހެއް ކަމުގައި ބެލުމަކީ އިސްލާމީ ޝަރީއަތާއި ރާއްޖޭގެ ގާނޫނުއަސާސީއިން ކަށަވަރުކޮށްދޭ އަސާސީ ހައްގެއް ކަމަށެވެ.









