ސޯމާލިއާއިން ވަކިވެގަންނަން މަސައްކަތް ކުރަމުންދާ ރަތްކަނޑުގެ އައްސޭރީގައިވާ ސޯމާލީލޭންޑަކީ ސޮވެރިން ސްޓޭޓެއްގެ ގޮގުގައި ބަލައިގަތުމަށް ޔަހޫދީން މަޝްވަރާ ފަށައިފި ކަމުގެ ވާހަކަތަކެއް ލީކު ވެއްޖެއެވެ.
ސަރަޙައްދީ މަޝްވަރާތަކާއި ވަރަށް ދޯޅު މަސްދަރުތަކުން ބުނާ ގޮތުގައި އިސްރާއީލުން މަސައްކަތް ކުރަމުން ދަނީ އެފްރިކާގެ ބޮޑު ސަރަޙައްދެއްގައި އިސްރާއީލުގެ ވިޔަފާރި އާއި ސިޔާސީ ގުޅުން ފުޅާކުރުމެވެ.
1991 ވަނަ އަހަރުން ފެށިގެން ސޯމާލީލޭންޑުން ވަނީ އެ މީހުންނަކީ ސޯމާލިއާގެ ސަރުކާރާއި ވަކިވެފައިވާ ވަކި ދައުލަތެއް ކަމަށް އިޢުލާން ކޮށްފައެވެ. ނަމަވެސް ބައިނަލްއަޤްވާމީ ގޮތުން މިކަން އެއްވެސް ޤައުމަކުން މިހާތަނަށް ބަލައިގެންފައެއް ނުވެއެވެ.

ސޯމާލީލޭންޑަކީ ރަތްކަނޑުގެ އައްސޭފަށް ކަމަށްވާއިރު، ރަތްކަނޑުގެ އައްސޭރީން މިވަގުތު އިސްރާއީލަށް އެންމެ ބޮޑު ޙިމާޔަތެއް ލިބެނީ މިޞްރުންނެވެ. ޤާހިރާ އަކީ އިސްރާއީލުގެ އެންމެ ދުވަސްވީ ސަރަޙައްދީ ބައިވެރިޔާއެވެ. 1979 ވަނަ އަހަރު ހެދި އެގްރީމެންޓުން ފެށިގެން ރަތް ކަނޑުން ދަތުރުކުރާ އިސްރާއީލުގެ ބޯޓުފަހަރަށް ވެސް ސަލާމަތީ ކަންކަމުގައި އެންމެ ބޮޑު އެއްބާރުލުންދޭ ޤައުމަކީ މިޞްރެވެ. ދެން އުރްދުން ނުވަތަ ޖޯޑަން ކަމަށް ވާއިރު ސައުދީ އަރަބިއްޔާ ވަނީ ރަސްމީ ގޮތުން ޑިޕްލޮމެޓިކް ގުޅުންތަކެއް ނެތް ނަމަވެސް، ޚާއްޞަކޮށް ރަތް ކަނޑުން ދަތުރުކުރާ އިސްރާއީލުގެ އުޅަނދުތައް އީރާނުގެ ނުރައްކާތަކުން ސަލާމަތް ކުރުމަށް އިސްރާއީލާއި މަޑުމަޑުން ކޯޑިނޭޓްކޮށްފައެވެ. އަނެއްކޮޅުން އެރިޓްރިއާ އިން ވެސް އިސްރާއީލާއި އެކު ސަލާމަތީ އެއްބާރުލުން ދީފައިވާ ކަމަށް ރިޕޯޓްތައް ބުނާއިރު، ސޫދާނުން ވަނީ އަބްރަހަމް އެއްބަސްވުންތަކުގެ އޮނިގަނޑުގެ ދަށުން ގުޅުންތައް ބޭއްވުމަށް އެއްބަސްވެފަ އެވެ.
ލީކުވި މަޢުލޫމާތުތަކަށް ބަލާއިރު އިސްރާއީލުން ސިއްރިޔާތުގައި މަސައްކަތް ކުރަމުންދަނީ ސޯމާލީލޭންޑަކީ ވަކި ދައުލަތެއް ކަމަށް މުޅި ދުނިޔެއިން ވެސް ބަލައިގަންނަން މަސައްކަތް ކުރުމަށެވެ.
2001 ވަނަ އަހަރު ސޯމާލީލޭންޑުން ވަނީ ސޯމާލިއާ އާއި ވަކިވެގަތުމަށް “ފެންނަނުފެންނަ” ވޯޓެއް ވެސް ނަގާފައެވެ. އެ ވޯޓުގައި 97 އިންސައްތަ މީހުން ބޭނުންވީ ވަކި ދައުލަތެއް ޤައިމް ކުރުމަށެވެ.
އެހެންނަމަވެސް، ސޯމާލީލޭންޑަކީ ވަކި ދައުލަތެއްގެ ގޮތުގައި މިހާތަނަށް އދ އިން ބަލައިގެންފައި ނުވަނީ މުސްލިމުން ބައިބައިވެ އެފްރިކާ ސަރަޙައްދާއި ރަތްކަނޑުގައި އިތުރު ފިތުނައެއް އުފެދިދާނެ ކަމަށް ބުނެ ޢަރަބީން އެމެރިކާ އަށާއި ބާރުގަދަ ޤައުމުތަކަށް ޕްރެޝަރު ކުރަމުން ދިއުމާއި ގުޅިގެންނެވެ.









