ދިވެހީންގެ ކިބައިން ފެންނަ އެންމެ ރީތި އެއް ސިފައަކީ ކުރިމަތިވާ ދަތިތަކާއެކުވެސް އެއްބައިވަންތަކަން އިސްކުރުން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެ އެވެ.
ރައީސް މި މޭރުމުން ވިދާޅުވީ އެއްބައިވަންތަކަމުގެ ދުވަހާއި ގުޅިގެން އެކްސްގައި ހިއްސާކުރެއްވި ޕޯސްޓެއްގަ އެވެ. އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވީ، ދިވެހިންގެ ހިތްތަކުގެ އެންމެ ފުނަށް ފޭދިފައިވާ އިސްލާމީ އަގީދާ މަގު ދައްކަނީ ގައުމީ ކޮންމެ ކަމެއްގައިވެސް އެންމެން އެއްބައިވެ، އެކަކު އަނެކަކަށް ހެޔޮ ފޯރުވަން ކަމަށެވެ.
މީގެ އިތުރުން އިހްސާންތެރިކަމާއި އަޅައިލުން އިސްކޮށް، ގައުމު ބިނާކުރުމުގައި އަތުގުޅާލަން އިސްލާމީ އަގީދާ މަގުދައްކާ ކަމަށްވެސް އެމަނިކުފާނު ކުރެއްވި ޕޯސްޓުގައި ވިދާޅުވި އެވެ.
ރައީސް ވިދާޅުވީ، ސުނާމީ ކާރިސާ ކުރިމަތިވީ ހިނދުވެސް، އަދި ދިވެހިން ކުރިމަތިލީ މި ނޫން ކޮންމެ އުނދަގޫ ހާލަތެއްގައިވެސް ދިވެހިންގެ ސަލާމަތަކަށްވީ މުސްލިމުންގެ ގޮތުގައި ތިބެ ދިވެހީން ހިފަހައްޓަމުންދިޔަ ރިވެތި ހުލްގާއި ސުލޫކު ކަމަށް އެމަނިކުފާނު ވިދާޅުވި އެވެ.
ރައީސްގެ ޕޯސްޓުގައި އެމަނިކުފާނު ވަނީ، ދިވެހިންގެ ބަދަހިކަން އިތުރުކުރައްވައި، ސަލާމަތާއި ރައްކާތެރިކަމުގައި ރާއްޖެ ލެއްވުމަށް އެދި ދުއާ ކުރައްވައިފަ އެވެ.









