ރަޖިސްޓަރީ ކޮށްގެން ހިންގާތާ އެއް އަހަރު ދުވަސްވެފައިވާ މީޑިއާތަކަކަށްވެސް ދައުލަތުގެ މާލީ އެހީ ލިބޭގޮތަށް މީޑިއާތަކަށް ދައުލަތުން ފައިސާގެ އެހީ ދިނުމުގެ އާ އުސޫލު މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން އެކުލަވާލައި މިއަދު ގެޒެޓްކޮށްފި އެވެ.
މީޑިއާ އެންޑް ބްރޯޑްކާސްޓިން ކޮމިޝަނުން ބުނީ މީޑިއާތަކަށް މާލީ އެހީ ދިނުމުގެ އުސޫލަށް ގެނައި ބަދަލަކީ މީޑިއާތަކަށް ދައުލަތުގެ ބަޖެޓުން މާލީ އެހީތެރިކަން ފޯރުކޮށްދިނުމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވެވަޑައިގެންފައިވާ ވައުދުފުޅު ތަންފީޒު ކުރުމުގެ ގޮތުން ގެނައި މުހިންމު ބަދަލެއް ކަމަށެވެ.
މީޑިއާތަކަށް ދައުލަތުން މާލީ އޭހީދޭނެ އުސޫލު ފުރަތަމަ އެކުލަވައިލީ ޔޫތު މިނިސްޓްރީންނެވެ. އޭރު އެކުލަވައިލި އުސޫލުގައިވާ ގޮތުން އެހީ ދިނުމުގެ އެއް ޝަރުތަކީ ރަޖިސްޓްރީ ކޮށްގެން ހިންގާތާ ތިން އަހަރު ވެފައި ވުމެވެ. ފައިސާ ދޭނެ އަދަދު ކަނޑައެޅުމުގައި މީޑިއާތަކުގެ މުވައްޒަރުންގެ އަދަދަށް ރިއާޔަތް ކުރުމެއް އެ އުސޫލުގައި ނެތެވެ.
މިއަދު ގެޒެޓުކުރި އުސޫލަށް ގެނެސްފައިވާ މުހިންމު ބަދަލުތަކުގެ ތެރޭގައި ހިމެނެނީ:
- ތިން އަހަރުގެ ބަދަލުގައި އެއް އަހަރު. އެގޮތުން މިދިޔަ އަހަރުގެ ޖެނުއަރީ މަހުން ފެށިގެން ރަޖިސްޓަރީކޮށް، ލައިސަންސް ލިބިގެން މެދުނުކެނޑި ހިންގަމުންދާ މީޑިއާތަކަށް މި އެހީއަށް އެދުމުގެ ފުރުސަތު ލިބޭނެ. މި ބަދަލާއެކު، ކުރިން ޝަރުތު ހަމަވި 18 މީޑިއާގެ ބަދަލުގައި، ގާތްގަނޑަކަށް 60 މީޑިއާއަކަށް ދައުލަތުގެ އެހީ ލިބޭނެކަމަށް ލަފާކުރެވޭކަމަށް ޔޫތް މިނިސްޓްރީން ބުނޭ
- މާކްސް ދިނުމުގައި މީޑިއާގެ ކުރިއެރުމަށް އިސްކަންދޭނެ. އެގޮތުން މީޑިއާ ހައުސްތައް ކުރިއަރުވަން ކުރާ މަސައްކަތްތަކަށް ބަލައި މާކްސް ދިނުމަށް ވަނީ ނިންމާފަ. މީގެ ތެރޭގައި އިދާރީ މަސައްކަތްތައް ހަރުދަނާ ކުރުމާއި، އިންފްރާސްޓްރަކްޗާ ތަރައްގީ ކުރުމުގެ އިތުރުން ޕަބްލިކް ސާވިސް ކޮންޓެންޓް ނުވަތަ އާންމު ހޭލުންތެރިކަމުގެ ދާއިރާ ފުޅާކުރަން ކުރާ މަސައްކަތްތައް ހިމެނޭ. މިއިން ކޮންމެ ދާއިރާއަކުން ފަސް މާކްސް ދިނުމަށް ވަނީ ކަނޑައަޅާފަ.
- އާ އުސޫލުގެ ދަށުން އެހީ ލިބޭ މީޑިއާތަކަށް ކަނޑައަޅާ ފައިސާ ދޫކުރާނީ އެއް ޕޭމެންޓެއްް ގޮތުގައި. ކުރިން ފައިސާ ދޫކުރަން އޮތީ ތިން ޕޭމަންޓަކަށް ބަހާލައިގެން.
- މީގެ އިތުރުން، އެ މީޑިއާއެއްގައި މަސައްކަތްކުރާ މުވައްޒަފުންގެ އަދަދަށް ބަލައިގެން މާކްސް ދިނުމަށްވެސް އާ އުސޫލުގައި ވަނީ ހިމަނާފަ.
މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި މީޑިއާތަކަށް އެހީތެރިކަން ފޯރުކޮށްދިނުމަށް 27 މިލިޔަން ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިއީ ދައުލަތަށް ލިބޭނެ ކަމަށް އަންދާޒާކުރާ އާމްދަނީގެ 0.1 އިންސައްތައެވެ. މި އެހީގެ ސަބަބުން ރާއްޖޭގެ ނޫސްވެރިކަމުގެ ދާއިރާ އިތުރަށް ހަރުދަނާވެ، މީޑިއާތަކުގެ ހިންގުން ހަރުދަނާވެގެންދާނެ ކަމަށް ސަރުކާރުން ގަބޫލުކުރެއެވެ.
މާލީ އެހީގެ ގޮތުގައި ފައިސާ ދޫކުރާނީ މިނިސްޓްރީ އޮފް ޔޫތު އެމްޕަވާމަންޓް، އިންފޮމޭޝަން އެންޑް އާޓްސްއާއި މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގ ކޮމިޝަނާ ދެމެދު ސޮއިކުރެވުނު އެމްއޯޔޫގެ ދަށުންނެވެ. މި އުސޫލަށް ޢަމަލުކުރަން ފަށާނީ ދިވެހި ސަރުކާރުގެ ގެޒެޓުގައި މި އުސޫލު ޝާއިއުކުރި ތާރީހުން ފެށިގެންނެވެ.
މިއީ ދައުލަތުގެ ބަޖެޓުން އަމިއްލަ މީޑިއާތަކަށް މާލީ އެހީތެރިކަން ދޫކުރާ ފުރަތަމަ އަހަރަށް ވާއިރު ދައުލަތުގެ ބަޖެޓުގައި ހިމަނައިގެން ކޮންމެ އަހަރަކު މާލީ އެހީތެރިކަން ފޯރުކޮށް ދިނުމަކީ ރައީސުލްޖުމްހޫރިއްޔާގެ ވައުދެކެވެ. މިފަދަ އެހީއެއް ދިނުމުގެ އެންމެ ބޮޑު އެއް ބޭނުމަކީ އަމިއްލަ މީޑިއާތަކަކީ މާލީ ގޮތުން ފުދުންތެރި އަދި ނުފޫޒުން އެއްކިބާވެފައިވާ މިނިވަން މީޑިއާއެއްގެ ގޮތުގައި ހިންގުމަށް އެހީތެރިވެ ދިނުމެވެ. އަދި އުފެއްދުންތެރި ކޮންޓެންޓް ނުވަތަ ރިޕޯޓާއި ހަބަރު ފަތުރައި، ނޫސްވެރިކަމުގެ ދާއިރާއަކީ ޒިންމާދާރު ކަމާއި އިތުބާރާއެކު ވަޒީފާގެ ފުރުސަތުތައްވެސް ފަހިވެގެންދާނެ ދާއިރާއަކަށް ނުވަތަ އިންޑަސްޓްރީއަކަށް ހެދުމަކީވެސް މިފަދަ އެހީއެއް ފޯރުކޮށްދިނުމުގެ މަގުސަދެކެވެ.






