ވައިގެ މަގުންނާއި ކަނޑުމަގުން އަވަނާއި ތެލި ފަދަ ތަކެތީގައި ފޮރުވައިގެން ދިވެހިރާއްޖެއަށް މަސްތުވާތަކެތި އެތެރެކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ފުލުހުން ބުނެފި އެވެ.
ފުލުހުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޗީފް އިންސްޕެކްޓާ އޮފް ޕޮލިސް، ހެޑް އޮފް ޑްރަގް އެންޑް ސަބްސްޓެންސް ކޮންޓްރޯލް އަހުމަދު ނާއިފް ވިދާޅުވީ، ޖެނުއަރީ އެއްވަނަ ދުވަހުން ފެށިގެން ޑިސެމްބަރު 20 ވަނަ ދުވަހުގެ ނިޔަލަށް މަސްތުވާތަކެތީގެ 648 މައްސަލައެއް ތަހުގީގު ކުރެވިފައިވާ ކަމަށެވެ. އަދި ދައުވާ އުފުލުމަށް 335 މައްސަލެއް ޕީޖީއަށް ފޮނުވާފައި ކަމަށް އޭނާ ވިދާޅުވި އެވެ.
ނާއިފް ވިދާޅުވި ގޮތުގައި އެ މައްސަލަތަކުގެ ތެރެއިން 53 މައްސަލައަކީ ޓްރެފިކިން ނުވަތަ ބޮޑެތި ކޭސްތަކުގެ ގޮތުގައި ތަހުގީގުކޮށްފައިވާ މައްސަލަތައް ކަމަށާއި، ބާކީ މައްސަލަތަކަކީ މަސްތުވާތަކެތި ބޭނުންކުރުމާއި މުއާމަލާތްކުރުމުގެ މައްސަލަތައް ކަމަށެވެ.
"މި ވަގުތު ޑްރަގް އެންފޯސްމެންޓްގައި ތަހުގީގުކުރިއަށްދާ 133 މައްސަލައެއް އެބައޮތް. މީގެ ތެރޭގައި މި ހިމެނީ މަސްތުވާތަކެތި ޓްރެފިކްކުރުމާއި، މަސްތުވާތަކެތި ގެންގުޅުމާއި ބޭނުންކުރުމުގެ މައްސަލަތައް. އޭގެ އިތުރަށް މި ވަގުތު އަޅުގަނޑުމެން ފައިނޭންޝަލް އިންވެސްޓިގޭޝަން ނުވަތަ ޑްރަގް ފައިނޭންސިން އިންވެސްޓިގޭޝަންގެ 30 މައްސަލައެއްގެ ތަހުގީގު ހިނގަމުން އެބަދޭ،" ނާއިފް ވިދާޅުވި އެވެ.
މި އަހަރު ހުށަހެޅުނު މައްސަލަތަކުގެ ތެރެއިން ދައުވާ އުފުލުމަށްޓަކައި ނުފޮނުވާ މައްސަލަތަކުގެ ތެރޭގައި ނުވަތަ ފައިލްކުރަން ޖެހުނު މައްސަލަތަކުގެ ތެރެއިން ގިނަ މައްސަލަތަކަކީ އެ މީހުންގެ މައްޗަށް މަސްތުވާތަކެތި ބޭނުން ކުރުމުގެ ދައުވާ އުފުލުމަށްޓަކައި އެކަށީގެންވާ ހެއްކާއި ގަރީނާ ހުރި ނަމަވެސް، އެ މީހުންގެ އިތުރު މައްސަލައެއް ޑްރަގް ކޯޓުގައި ހިނގަމުންދާތީ، އެ ކޯޓަށް އެ މީހުންގެ އިތުރު މައްސަލައެއް ވެއްދުމުގެ އިހްތިސޯސް ނެތުމުގެ ސަބަބުން ފައިލްކުރަން ޖެހުނު މައްސަލަތައް ކަމަށް ނާއިފް ވިދާޅުވި އެވެ.
ފުލުހުންގެ ތަހުގީގަށް ފާހަގަވާ އިތުރު ކަންކަމަށް ބަލާއިރު، މި ފަހަކަށް އައިސް ރާއްޖެއިން ބޭރުގެ ގައުމުތަކުގައި ވަކިން ހާއްސަކޮށް ސައުތު އީސްޓް އޭޝިޔާގެ ގައުމުތަކުގައި (ތައިލެންޑް، މެލޭޝިއާ) ދިވެހިން ގާއިމުވެ ތިބެގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވުމުގެ މަސައްކަތްތައް ކުރަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް ނާއިފް ވިދާޅުވި އެވެ. ވަކިން ހާއްސަކޮށް ވައިގެ މަގުންނާއި ކަނޑުމަގުން ބަދިގޭގައި ބޭނުންކުރާ ކަރަންޓު ސާމާނުކަމަށްވާ އަވަނާއި ތެލި ފަދަ ތަކެތީގައި ފޮރުވައިގެން ރާއްޖެއަށް މަސްތުވާތަކެތި ފޮނުވަމުންދާކަން ފާހަގަކުރެވިފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.
ނާއިފް އިތުރަށް ވިދާޅުވީ ދުނިޔޭގެ ކޮންމެ ސަރަހައްދެއްގައި ގާއިމުވެގެން ތިބި ކަމުގައިވީ ނަމަވެސް އެފަދަ ޖިނާއީ ކުށްކުރާ ފަރާތްތައް އިންޓަޕޯލް ރެޑް ނޯޓިސް ނެރެގެން ވިޔަސް، އެ ފަރާތްތައް ރާއްޖެ ގެނެސްގެން އެފަދަ ފަރާތްތަކުގެ މައްޗަށް ތަހުގީގު ހިންގާނެ ކަމަށެވެ.









